އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި 56.6 ބިލިއަން ރުފިޔާގެ ބަޖެޓްގެ އަމަލީ މަސައްކަތް މި މަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުވެގެން ދާނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ވައުދުވެވަޑައިގެންނެވި މަޝްރޫއުތައް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނާނެ ދެ އަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އއ. ތޮއްޑޫއަށް މިއަދު ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ތެރޭގައި ރަށްރަށުގައި މަޝްރޫއުތައް ނުފެށުނު ސަބަބަކީ މިހާރު ތަންފީޒުކުރަމުންދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޭރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ފާސްކޮށްފައިވާ ބަޖެޓަކަށްވާތީ ކަމަށެވެ.
މިދިޔަ ސަރުކާރުން ފާސްކުރި ބަޖެޓަކީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް 'އުދަނގޫ' ކުރުމަށް ފާސްކޮށްފައި އޮތް ބަޖެޓް ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުމުން މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. ނަމަވެސް ވިދާޅުވީ އަންނަ އަހަރަށް ފާސްކުރި ބަޖެޓާ އެކު ހުރި ހުރަސްތައް ނައްތާލެވި ވައުދުވެވަޑައިގެންނެވި ގޮތަށް ކަންކަން ކުރިއަށްދާނެ ކަމަށެވެ.
އެއަށް ފަހު ރައީސް ވިދާޅުވީ ބަޖެޓުގައި ހިމެނޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށެވެ.
''..މި މަހުގެ ފަހުކޮޅުން ފެށިގެން އަޅުގަނޑުމެން އޭގެ އަމަލީ މަސައްކަތް މި ފަށަނީ... މި ދެ އަހަރު [2025 އަދި 2026] ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން, ތަރުތީބެއްގެ ތެރެއިން އަޅުގަނޑު ވެފައިހުރި ހުރިހާ ވައުދެއް (ރަށްރަށުގެ އުމްރާނީ މަޝްރޫއުތައް) އަމަލީ މަސައްކަތްތައް ފަށައި, އަދި އެކި މަޝްރޫއުތައް ނިމެމުން ވެސް ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތޮއްޑޫއަށް ކޮށްދެއްވަން ހުރި ކަންކަމުގެ ތަފްސީލު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ މަގުތަކުގެ ހާލު ވަރަށް ދަށް ކަމަށާއި، އެހެންވެ ރައްޔިތުން ބޭނުންވާ ގޮތަށް ގާ އަތުރައިގެން މަގުތައް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ ރަށުގެ މަގު ހެދުމުގެ މަޝްރޫއަކީ ސޮއިކުރެވިފައި އޮތް މަޝްރޫއެއް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަމެއްދޭ އެއް ކަމަކަށް އޮންނާނީ ފެނާއި ނަރުދަމާ އެޅުމާ އެކީގައި މަގުހެދުން ކަން ރައީސް ފާހަގަކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ ރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް މި އަންނަ އަހަރު ވެގެންދާނީ މި ރަށުގެ މަގު ހެދުމުގެ މަޝްރޫއު ހިނގާ އަހަރަށް. އެކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތޮއްޑޫގެ ސިއްހީ މަރުކަޒަކީ އެ ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ހިދުމަތް ދެވޭވަރުގެ މަރުކަޒެއް ނޫން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވައުދުވެފައިވާ ގޮތަށް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ސިއްހީ މަރުކަޒު ފުޅާކުރެވި, ހިދުމަތްތައް އިތުރުކުރެވިގެން ދާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ ސްކޫލްގައި އޭލެވެލް ހިމެނޭހެން އެއް ދަންފަޅިއަކަށް ކިޔަވައިދިނުމަށް ޖާގަ އިތުރުކުރަން ޖެހޭ ކަމަށާއި ވައުދުފުޅާ އެއްގޮތަށް ސްކޫލަށް ބޭނުންވާ ކްލާސްރޫމްތަކާއި ވަސީލަތްތައް އިތުރުކޮށްދެއްވާނެ ކަމަށެވެ.