ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މި ސަރުކާރުން "އަތްބާނާ" ކަމަށާއި، އެ ބޭންކުގައި ހުރި ރައްޔިތުންގެ ފައިސާ ބަހަން ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ، ސަރުކާރުން ބޭންކަށް "އަތްބާނާ"ތީ، އެ ބޭންކުގައި ރައްޔިތުންގެ ފައިސާ ހުރި ކަމާމެދު ވެސް ޝައްކުވާ ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްގެ ތެރެއަށް އަތް ބާނައިފި. އެ ބޭންކުގައި ހުރި ރައްޔިތުންގެ ސޭވިންގް އެކައުންޓްތަކުގައި ހުރި ފައިސާއާ މެދު މިއަދު ކަށަވަރު ކަމެއް ނެތް. ނަގާ ބަހަން އެ ތައްޔާރުވަނީ،" ސޯލިހް ވިދާޅުވި އެވެ.
މި ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، އެތަންތަނުގެ ބާރުތައް މުށުތެރެއަށް ލައިފައިވާ ކަމަށާ، ސަރުކާރުން އަމާޒު ހިފާފައިވަނީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަށް ސޯލިހު ވިދާޅުވި އެވެ. އެގޮތަށް ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ) ގެ ބާރުތައް މުށަށް ލައިފައިވާކަން ފާހަގަ ކުރެއްވި އެވެ.
"އެމްއެމްއޭގެ ބާރުތައް ރައީސް އޮފީހުގެ ތެރެއަށް ނަގައިފި. މަނިޓަރީ ޕޮލިސީގެ މިނިވަންކަން މުޅިން ނައްތާލައިފި،" ސޯލިހް ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން، މަޖިލީހުގައި އޮތް ރައްޔިތުންގެ ބާރު ކަނޑުވާލާ، އެ ބާރު ޕާޓީތަކުގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ދީފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ސަރުކާރުން ގާނޫނުތަކަށް ގެނައި ބަދަލުތަކަށް ފާޑު ވިދާޅުވެ، ތުހުމަތުތައް ކުރައްވަމުން ސޯލިހު ވިދާޅުވީ، ދެން ސަރުކާރުން ބަދަލުކުރާނީ ސުޕްރީމް ކޯޓުގެ ބެންޗް ކަމަށެވެ.
މަޖިލިސް ހިސޯރު ކޮށްފައިވާ ކަމަށާއި، މިނިވަން މުއައްސަސާތަައް ޖަމާކޮށް، ކޯޓުތަކުގެ މިނިވަންކަން މި ސަރުކާރުން ކަނޑާލައިފައިވާކަން ފާހަގަ ކުރައްވާ ސޯލިހު ވިދާޅުވީ، "ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގަތުގައި މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" ކަމަށެވެ.
ކުރީގެ ރައީސް ސޯލިހު އެހެން ވިދާޅުވެފައިވާއިރު، މިހާރު ސުޕްރީމް ކޯޓުގެ ބެންޗްގައި އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު އެވެ. އަދި ފަނޑިޔާރުންނަށް ތިއްބެވީ، ޑރ. އަޒްމިރާލްދާ ޒާހިރު، އާއިޝާ ޝުޖޫން މުހައްމަދާއި، މަހާޒް އަލީ ޒާހިރާއި، ހުސްނުއް ސުއޫދާއި، އަލީ ރަޝީދު ހުސެއިންގެ އިތުރުން ޑރ. މުހައްމަދު އިބްރާހިމް އެވެ.