ޚަބަރު

ކޮވިޑް-19: ޓެސްޓު ހެދުމަށް ރަށްރަށުން ސާމްޕަލް ދޭން ދެކޮޅު ހަދާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޓެސްޓު ހެދުމަށް ރަށްރަށުން ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހަދާ ކަމުގެ ކަންބޮޑުވުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ފާޅު ކޮށްފިއެވެ.

Ads by STELCO

އެސެންޓަރުން ރޭގައި ބޭއްވި ނޫސް ކޮންފަރެންސް ގައި އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރަން ސާމްޕަލް ދޭން ދެކޮޅު ހެދި މައްސަލަތައް މީގެ ކުރިން މާލޭގައި ވެސް ފެންމަތިވި ކަމަށާއި އެގޮތުން މާލޭގައި އެކްޓިން ސަވައިލެންސްގެ ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ކުރިން ނެގިއިރު މި މައްސަލަ ކުރިމަތިވި ކަމަށެވެ.

ނަމަވެސް އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް، ވަކި ކޮންޓެކްޓްވުން ނުވަތަ ބަލިވުން ފަދަ ސަބަބެއް ނެތި ނެގުން ހުއްޓާލައިފައި ވާތީ އެ މައްސަލަ މާލޭގައި ދިމާނުވާ ކަމަށް ޑރ. ނަަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭއިރު ފުރިހަމަ މައުލޫމާތު ނުދިނުމުގެ މައްސަލަ މިހާރު ތަކުރާރު ވެފައިވާ ކަމަށާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާ އެކްޓިން ސަވައިލަންސް އާއި ކުޑަކުދިންގެ ސާމްޕަލް ނެގުމުގައި މިމައްސަލަ ކުރިމަތި ވެފައިވާ ކަމަށެވެ.

ކުޑަކުދިންގެ ސާމްޕަލް ދިނުމަށް ބައެއް ބެލެނިވެރިން ދެކޮޅު ހަދާ ކަމަށާއި އެއީ ކިހާ މުހިންމު ކަމެއްކަން ހަނދާން ކުރަން ޖެހޭ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެންނަށް އެ ކުއްޖަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ވަންޏާ ފަރުވާ ދެވޭނީ. ކުއްލިއަކަށް ބަލީގެ ހާލަތު ދަށްވުން ވެސް އެކަށީގެންވޭ. ބަލި ހުރިކަން އެނގުނީމާ ރަނގަޅަށް މޮނީޓާ ކުރަމުން ގެންދެވޭނީ" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ބައެއް މީހުން ސާމްޕަލް ދޭން ދެކޮޅު ހަދަނީ އެރަށްރަށުގައި ކޮވިޑް ނެތްކަމަށް ބުނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!