ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރާ ވާހަކަ ދައްކަނީ ބިރުވެރިކަން އުފައްދަން: އަބްދުއްރަހީމް
ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރަން މަޝްވަރާ ކޮށްފައިނުވާ ކަމަށާއި އެވާހަކަ ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިިރުވެރިކަން އުފައްދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި "ގާނޫނު އަސާސީގެ ދިފާއުގައި" ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
"ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ. ހަގީގަތުގައި މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" ސޯލިހު އެރޭ ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުނުކުރާ ސަރުކާރެއް މިހާތަނަށް އައިއިރު ނެތް ކަމަށެވެ.
ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވަމުން ގެންދަވާ އަބްދުއްރަހީމް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިހާތަނަށް މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވެސް އެފަދަ ކަމެއް ހުށަހެޅިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބައެއް ކަންކަމުގައި ހިޔާލު ބަދަލުކުރަން. މިހާތަނަށް އައިއިރު ރައީސް އެފަދަ މަޝްވަރާއެއް އަދި ނުކުރައްވާ. ހިޔާލު ފާޅުކުރައްވާފައެއް ވެސް ނެތް. އެހެންވީމަ އެވެސް ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ޓަކައި އެބޭފުޅުން ފަތުރާ ވާހަކަތަކެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނެވިކަން ފާހަގަ ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އޭރު ބެންޗުގައި 7 މެމްބަރުން ތިއްބާ 5 މެމްބަރުންނަށް ބެންޗް ކުޑަ ކުރެއްވި ކަމަށެވެ. އޭގެފަހުން ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ބަދަލު ގެންނެވި ކަމަށެވެ.
އިތުރަށް ވިދާޅުވީ މި ސަރުކާރުން ވެސް އެކަން ކުރަން ޖެހުމުން ކުރާނެ ކަމަށެވެ. "މިދަންނަވާ ވާހަކައަކީ، އެކަން ކުރަން ޖެހިއްޖެއްޔާ މި ސަރުކާރުން ވެސް ކުރައްވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.