އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފި

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ހިދުމަތްދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އެމްއާރުއައިގެ ހިދުމަތުގެ ފެށުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވީ ދެ ސަބަބެއް އޮވެގެން ކަމަށެވެ. އެގޮތުން އެއް ސަބަބަކީ، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށް ވާތީ ކަމަށެވެ.
"ދެ ވަނަ ސަބަބަކީ އުނގޫފާރު ރައްޔިތުން ތި ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން އަޅުގަނޑުމެނަށް ޔަގީންވާތީ،" ނާޒިމް ވިދާޅުވި އެވެ.
އެހެންކަމުން ރައީސް ވައުދުވެ ވަޑައިގެންނެވި ފަދައިން އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހެލްތު މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެކަން ބާރު ސްޕީޑުގައި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ އެއްބައި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެމްއާރުއައިގެ ހިދުމަތުގެ އިތުރުން އެ ހޮސްޕިޓަލުގައި ރޭ ވަނީ ހުޅުތަކުގައި ރިއްސާ މީހުންނަށް ހާއްސަކޮށްދޭ ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް (ޕީއާރުޕީ) ގެ ހިދުމަތް ދޭން ފަށާފަ އެވެ.