އެމްއައިޓީޑީސީއަށް 164 މިލިއަންގެ ގެއްލުން
ސަރުކާރުން ފައިސާދީގެން ނޫން ގޮތަކަށް މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ) އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކިދާނެ ކަމަށް ނުބެލެވޭ ކަމަށާއި، އެ ކުންފުންޏަކީ ދެމެހެއްޓެނިވި ގޮތުގައި ހިންގޭނެ ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވާ ނެރުއްވި އެމްޓީޑީސީގެ އޮޑިޓް ރިޕޯޓުގައި ބުނީ، 2016 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަށް 2023 އަހަރުގެ ނިޔަލަށް 164،241،768ރ ގެއްލުންވެފައިވާ ކަމަށެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ކުންފުނި ހިންގުމަށާއި ކުންފުނިން ހިންގަން މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީން ދޫކުރި ފައިސާ އާއި ބަރެސްދޫ ޕްރޮޖެކްޓުން ލިބިފައިވާ ފައިސާއިން ކަމަށެވެ.
ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި ފިނޭންސުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 48,959,028ރ
އެމްއައިޓީޑީސީ އަށް ދޫކޮށްފައިވާކަން އޮޑިޓުން ހާމަވާއިރު، ކާޝިދޫ ޓުއަރިސްޓް ވިލެޖް ގާއިމްކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް 2018 ވަނަ އަހަރު އެއް މިލިއަން ޑޮލަރު (8 ޕަސެންޓް އިންޓްރެސްޓް ރޭޓުން އެއް އަހަރު ފަހުން އަނބުރާދައްކާ ގޮތަށް) ލޯނުގެ ގޮތުގައި ފިނޭންސުން އެ ކުންފުންޏަށް ދޫކުރި އެވެ. ލޯނުގެ ތެރެއިން އެއްވެސް ފައިސާއެއް އަނބުރާ ދައްކާފައެއް ނުވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ނިޔަލަށް ކުންފުނީގެ ކަރަންޓް އެސެޓްސްގެ އަގަކީ، 3،121،233ރ ކަމަށެވެ. ކުންފުނީގެ ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި 137،870،527ރ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމްއައިޓީޑީސީގެ މާލީ ހާލަތަށް ބަލާއިރު ސަރުކާރުގެ އިތުރު މާލީ އެހީތެރިކަން ނުލިބި އެމްއައިޓީޑީސީން އެކި ފަރާތްތަކަށް ދައްކަންޖެހިފައި ހުރި ފައިސާ ދެއްކިދާނެ ކަމަށް ނުބެލެވެއެވެ - އޮޑިޓް ރިޕޯޓު
އެ ކުންފުނިން ކުރިއަށް ގެންދިއުމަށް މަސައްކަތްކުރި އެއްވެސް ޕްރޮޖެކްޓެއް ނިމުމަކަށް އިސްފައިނުވާތީ އާއި، އެ ކުންފުނިން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓަކުން އަވަސް މުސްތަގްބަލެއްގައި ކުންފުންޏަށް އާމްދަނީއެއް ލިބޭނެ ކަމަށް ނުފެންނަ ކަމަށްވެސް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި އެ ކުންފުނީގެ ހިންގުން އިސްލާހު ކުރަންވީ ކަންކަން ވެސް ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން، ކުންފުނިން ކުރިއަށް ގެންދިއުމަށް ކަނޑައަޅާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ފެށުމުގެ ކުރިން އެ މަސައްކަތްތަކާ ގުޅިގެން ގާނޫނީ ގޮތުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ލަފާ ދީފައިވެ އެވެ. އަދި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ނޫނީ ޕްރޮޖެކްޓްގެ މަސައްކަތް ނުފެށުމަށް ވެސް އަންގާފައިވެ އެވެ.
"އެމްއައިޓީޑީސީ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކުންފުންޏެއް ކަމަށްވެސް ނުބެލެވެއެވެ" އެ ހުރިހާ ކަންކަމަށް ރިޔާއަތް ކުރުމަށް ފަހު އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައިގެން ނޫނީ ކުންފުނި އިތުރަށް ކުރިއަށް ނުގެންދިއުމަށް ވެސް އޮޑިޓް އޮފީހުން ލަފާ ދީފައިވެ އެވެ. އަދި އެހެން ނޫނީ ކުންފުނި ނުހިންގޭނެ ކަމަށްވެސް ބުންޏެވެ.
އެމްއައިޓީޑީސީ ގެއްލުމުގައި ހިންގަމުންދާކަން އޮޑިޓުން ފާހަގަކޮށްފައިވާއިރު އެ ކުންފުނި އުވާލަން ފިނޭންސުން ލަފާދީފައިވެ އެވެ.