ތިން މިނިސްޓްރީގައި ރޯވުން: ތަހުގީގަށް ބޭރުގެ ޓީމެއްގެ އެހީ ހޯދަނީ
ސަރުކާރުގެ 3 މިނިސްޓްރީއެއް ގައި އަލިފާން ރޯވި ހާދިސާ ތަހުގީގުކުރަން ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ނިންމާފައިވާ ކަމަށާއި އެ ޓީމު ވަރަށް އަވަަހަށް ރާއްޖެ އަންނާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާން ރޯވީ ބުރާސްފަތި ދުވަހު ހެނދުނު އެވެ.
އަލިފާން ރޯވި އިމާރާތަކީ ލަކުޑި ޑެކް އަޅައި ޓިނުން ހަދާފައިވާ އިމާރާތެކެވެ. އެއީ ކޮންސްޓްރަކްޝަން މިނިސްޓްރީ އެހެން ތަނަކަށް ބަދަލުކުރަން ކުރި މަސައްކަތުގައި 2008 ވަނަ އަހަރު ބޭނުންކުރަން ފެށި ތަނެކެވެ. ވަގުތީ ގޮތުން އެ ތަން ބޭނުންކުރަން ފެށި ނަމަވެސް އެފަހުން އެ ތަން ދާއިމީ ތަނަކަށް ބަދަލުވީ އެވެ.
އެ ހާދިސާއާ ގުޅިގެން ކަމާ ގުޅުން ހުރި އިދާރާތަކުން ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށެވެ.
"މި ތަހުގީގު ގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން. އަދި އެކަން ވީހާވެސް އަވަހަކަށް ކުރިއަށް މިއޮތް 2، 3 ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާ އެކު މަސައްކަތްކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން އެ މަސައްކަތް އެބަކުރަން" ސީޕީ ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އަލިފާނުގެ އެ ފަދަ ބޮޑު ހާދިސާއެއް ހިނގި ގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި އެ ތަހުގީގުތަކުން ލިބޭ މައުލޫމާތު ތަކަކީ މުހިއްމު މައުލޫމާތުތަކަށް ވާނެތީ ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން އަލިފާން ރޯވި ސައިޓުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ސީނުން ސާމްޕަލްތައް ނަގަމުންދާ ކަމަށެވެ. އަދި އެތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖެ ތަހުލީލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
އަލިފާން ރޯވެފައި ހުއްޓާ އެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާންތަކާއި، އެ ވަގުތު އެތަނުގައި ތިބި މީހުންގެ އިތުރުން އެ ހާދިސާގެ މައުލޫމާތު ލިިބުނު މީހުން ހޯދައި ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.
ބޭރުގެ ޓީމަކާއެކު މަސައްކަތް ކުރަން ފެށުމުން އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށް ސީޕީ އުއްމީދުކުރައްވަ އެވެ.
އޭނާ ވިދާޅުވީ އެއީ ކިހިނެއްް ހިނގިކަމެއްކަން ބުނަން އަދި ދަތި ކަމަށެވެ. އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން ފަސޭހައިން ހިއްސާކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.