ސަރުކާރުގެ 3 މިނިސްޓްރީއެއް ހިންގާ ގްރީން ބިލްޑިންގައި އަލިފާން ރޯވި ހާދިސާގެ ޖިނާއި ތަހުގީގެއް ހިންގައި ދިނުމަށް އެދި ފުލުހަށް ހުށަހަޅަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ނިންމައިފި އެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގައި އަލިފާން ރޯވީ ބުރާސްފަތި ދުވަހު ހެނދުނު އެވެ. އެ މިނިސްޓްރީތައް ވަގުތީ ގޮތުން ހިންގަމުން ދަނީ ދަރުބާރުގޭގަ އެވެ. ތިން މިނިސްޓްރީ ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށަހަޅަނީ
އެމްޑީޕީން މިއަދު ބޭއްވި ޕްރެސް ބްރީފިންގައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ، ހާދިސާގެ މިނިވަން ތަހުގީގެއް ހިންގަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ އެމްޑީޕީން އެކަން ހުށަހަޅާނެ ކަމަށެވެ.
"ފުލުހުންނަށް އެބަ ހުށަހަޅަން، ޖިނާއީ ތަހުގީގެއް ހިންގަން. ސިފައިން ބައިވެރިކޮށްގެން. މިއަދު ވަގުތެއްގައި ރިކުއެސްޓް ފޮނުވާނަން،" އަލިފާން ނިއްވާލުމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވަކި މައްސަަލައެއްގެ ގޮތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) އަށް ހުށަހަޅާނެ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
ހާދިސާ އާ ގުޅިގެން މުހިންމު ލިޔެކިޔުންތައް ނެތިގޮސްފައިވާ ކަމަށް މިނިސްޓަރުން ފާހަގަކުރެއްވިއިރު، ލިޔެކިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް 2011 ވަނަ އަހަރު ދިވެހިރާއްޖޭގެ އަރުޝީފުގެ ގާނޫނުގެ ނަމުގައި ހާއްސަ ގާނޫނެއް ހަދާފައިވާކަން ފާހަގަކުރެއްވި އެވެ. އެ ގާނޫނުގައި ރައްކާތެރިކުރަން ޖެހޭ ލިޔެކިޔުންތައް ބަޔާންކޮށްފައިވާ ކަމަށެވެ.
"އަރުޝީފުގައި މި ލިޔުންތައް ހިމެނިފައިވޭތޯ. މިނިސްޓަރު ފާހަގަކުރެއްވި މިނިސްޓްރީން މިހާރު ފައްޓަވާފައިވާ މަޝްރޫއުތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށް. އެ ލިޔުންތަކަކީ މި މާއްދާގައި ބަޔާންކުރާ ގޮތުން އަރުޝީފު ކުރެވެން ޖެހޭ އެއްޗެއް،" މަހްފޫޒު ވިދާޅުވި އެވެ.
"އަރުޝީފު ކުރަން ޖެހޭ އެއްޗެއް އަރުޝީޕު ނުކުރެވި ވަނީތޯ ނުވަތަ އަރުޝީފު ކުރެވިފައި ހުއްޓާ އޭގެ ނަކަލުތައް ނެތިގެން ދިޔައީތޯ،" ސުވާލު އުފެދޭ ކަންކަން ބަލައި ތަހުގީގު ކުރުމަށް އަރުޝީފުގެ ޑިރެކްޓަރަށް ހުށަހަޅާނެކަން ފާހަގަކުރެއްވި އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުން އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހު ހެނދުނު 6:30 ހާއިރު އެވެ.
އެ ޕްރެސްގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސަށް މިއަދު ސިޓީ ފޮނުވާނެ ކަމަށެވެ. އަދި 241 ކޮމިޓީގައި އެ ހާދިސާ ތަހުގީގު ކޮށްދިނުމަށް އެދޭނެ ކަމަށް ވިދާޅުވި އެވެ.
ގްރީން ބިލްޑިންގައި ހުޅު ހިފުމާއި ސާވާތައް ސަލާމަތް ނުކުރެވުމުގެ ކަންބޮޑުވުން
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން 19 ވަނަ މަޖިލިހުގައި ހޯރަފުށި ދާއިރާގެ މެމްބަރުކަން ކުރެއްވި އަހްމަދު ސަލީމް ވިދާޅުވީ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން ހިންގަމުން ދިޔަ އިމާރާތް މިންގަނޑަށް ނުފެތޭ ވާހަކައަކީ 'ފެކްޓް' އެއް ކަމަށެވެ. އެހެންނަމަވެސް އެ މިނިސްޓްރީއަކީ މިންގަނޑު ކަނޑައަޅާ މިނިސްޓްރީ ކަމަށެވެ. އެ އިމާރާތުގައި މިފަދަ ހާދިސާއެއް ހިނގައިފި ނަމަ ކޮންޓްރޯލް ކުރަން އުދަނގޫ ވިނަމަވެސް ގްރީން ބިލްޑިންއަކީ މިންގަނޑަށް ފެތޭ ފަހުގެ އިމާރާތެއް ކަމަށެވެ. ކަމާ ނުގުޅޭ ވަކިން ހުރި އިމާރާތެއް އަނދައި ދިއުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.
އެމްޑީޕީ ސަރުކާރުގައި އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރުކަން ކުރެއްވި އައިމިނަތު ޝައުނާ ވެސް ވިދާޅުވީ ގްރީން ބިލްޑިން ސަލާމަތް ނުކުރެވުނު ސަބަބު ސާފުވާން ޖެހޭ ކަމުގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 3 މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުން މިނިސްޓްރީތަކުގައި ސާވާތައް ހުރި ތަންތަނުން ނެރެން އެދި އާދޭސްކުރި ކަމުގަ އެވެ.
"ސާވާ ރޫމުތަކަށް ވަދެވޭނެ ގޮތްތަކާ އެއްޗިސް އެ ބޭފުޅުން ތަކުރާރުކުރައްވަމުން ގެންދެވި ގާތްގަނޑަކަށް ދޮޅު ގަޑިއިރެއްހާއިރު. އެހެންވީމާ ކީއްވެގެންތޯ އެ ޑިސިޝަން އެ ގަޑީގައި ނުނެންގެވީ،" ޝައުނާ ސުވާލު އުފެއްދެވި އެވެ.
އެމްއެންޑީއެފްގައި 'ޓެކްނިކަލް ކެޕޭސިޓީ' ހުންނާނެ ކަމަށާ އަދި އިމަޖެންސީ ހާލަތްތަކަށް ބޭނުންވާ ވަސީލަތްތައް ވެސް އެ އިދާރާގައި ހުންނާނެ ކަމަށެވެ. ވުމާ އެކު 'ޓެކްނިކަލް ކެޕޭސިޓީ' ނެތިގެން ކަމެއް ދިމާނުވާނެ ކަމަށާއި ހާދިސާ އާ ގުޅިގެން ފާހަގަވީ "މިސް މެނޭޖް" ކުރުމުގެ މައްސަލަ ކަމަށެވެ.
އެކަމަކީ ސަރުކާރުގެ މިސް މެނޭޖްމަންޓުގެ ސަބަބުންވީ ކަމެއްތޯ ނުވަތަ ސްޓްރަކްޗާއަށް ނޫނީ މެންޑޭޓަށް ގެނައި ބަދަލުތަކާ ގުޅިފައިވާ ކަމެއްތޯ ބަލަން ޖެހޭ ކަމުގަ އެވެ. ސުވާލުތަކުގެ ޖަވާބު ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު ވިދާޅުވި އެވެ.
އެދުނީ މަޝްރޫއުތަކުގެ ތަފުސީލު ކައުންސިލުތަކުން ހިއްސާކުރަން
އަލިފާނުގެ ހާދިސާ އާ ގުޅިގެން ގެއްލިގެން ދިޔަ ލިޔެކިޔުންތަކާ ގުޅޭގޮތުން ދެކެވެމުން އަންނަ ވާހަކަތަކާ ގުޅުވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މަޝްރޫއުތަކުގެ މައުލޫމާތަކީ އެއްކޮށް ގެއްލިގެންދާނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ. ކަމާ ގުޅުންހުރި މުހިންމު މައުލޫމާތުތައް ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށެވެ. އެއީ ފައިސާ އާ ގުޅުންހުރި ހުރިހާ ކަމެއް ހިނގަނީ އެ މިނިސްޓްރީ މެދުވެރިކޮށް ކަމަށް ވާތީ ކަަމަށެވެ.
"ކައުންސިލުތަކުން ރަށްރަށުގައި ފައްޓާފައި ހުރި ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހައުސިން މިނިސްޓްރީއަށް މިހާރުން މިހާރަށް ހިއްސާކޮށްދެއްވުމަށް އެ ބޭފުޅުން އެ މައުލޫމާތު ގެއްލިފައިވާ ކަމަށް ވިދާޅުވާ ކަމުގައިވާ ނަމަ،" މަޓޭ ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ރަށެއްގައި ފަށާފައިވާ، ހުއްޓިފައިވާ އަދި ކުރިއަށްދާ މަޝްރޫއުތަކުގެ މައުލޫމާތު ލިސްޓް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތުތައް ކައުންސިލުތަކުން ނެރޭ ގަރާރުތަކުގެ ގޮތުގައި އާންމުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މި ފަހުން ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވާއިރު، އެ ހާދިސާގެ ތަހުގީގު ކުރިއަށްދާނީ ހުރިހާ އެންގަލްއަކަށް ބަލައިގެން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވެފައިވެ އެވެ.
ޝުޖާއު ވިދާޅުވީ އަލިފާން ރޯވި ސަބަބު ދެނެގަތުމަށް ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށާއި ތަހުގީގަށް ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އެ ޓީމު ވަރަށް އަވަހަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އޭގެ މައިގަނޑު ބޭނުމަކީ އަލިފާނުގެ އެ ފަދަ ބޮޑު ހާދިސާއެއް ހިނގި ގޮތް ރައްޔިތުންނަށް އެނގެން ބޭނުންވާތީ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ޓަކައި އެ ތަހުގީގުތަކުން ލިބޭ މައުލޫމާތުތަކަކީ މުހިއްމު މައުލޫމާތުތަކަށް ވާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.