ސީރިއާގެ ގޯލާނުގައި ޔަހޫދީން ވަޒަންވެރިވާން ކުރާ މަސައްކަތް ރާއްޖޭން ކުށްވެރިކޮށްފި
ސީރިއާގެ ގޯލަން ހައިޓްސްގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސީރިއާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިޒްރޭލުން ވަޒަންވެރިވުމަށް ކުރަމުންގެންދާ މަސައްކަތްތައް ފުޅާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ނިންމުމަކީ ބައިނަލްއަގުވާމީ އެންމެހާ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ނިންމުމެއް ކަމުގައި ސަރުކާރުން ގަބޫލުކުރާ ކަމަށެވެ.
ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ސީރިއާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުހައްގުން ވެރިވެގަތުމަށް އިޒްރޭލުން ހިންގަމުންގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އެ ގައުމުން ސީރިއާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އދ. ގެ ކަމާ ބެހޭ ގަރާރުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިޒްރޭލަށް މަޖުބޫރު ކުރުވުމަށް އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުން ފެށިގެން ސީރިއާގެ ގޯލާން ހިފާފައިވާކަން ފާހަގަކޮށް، ސަލާމަތީ މަޖިލީހުގެ ގަރާރު 497 (1981) ފަދަ އދ. ގެ ކަމާ ގުޅޭ ގަރާރުތަކަށް އަމަލު ކުރުމަށް އިޒްރޭލަށް އިލްތިމާސްކޮށްފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ސީރިއާގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ސަލާމަތަށް ތާއީދު ކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ. އަދި ސީރިއާގެ ރައްޔިތުންގެ އުންމީދުތައް ހާސިލުވާނެ ގޮތަށް، އެ ގައުމުގައި ސުލްހަ އާއި ސަލާމަތާއި އިސްތިގުލާލު ގާއިމުކުރުމަށް ކުރެވޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.