ޚަބަރު

ގަވާއިދާ ހިލާފަ މަސްވެރިކަން ކުރުމުން މަސްވެރިންގެ އާމްދަނީ އަށް އަސަރުކުރޭ: ނައިބު ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް / ފޮޓޯ: ރައީސް އޮފިސް

ގަވާއިދާ ހިލާފަށް ކުރާ އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައިޔޫޔޫ) މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީއަށް އަސަރު ކުރާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ

Ads by MWSC

ނައިބު ރައީސް އެހެން ވިދާޅުވީ، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަ ކުރާ މަސްވެރިކަމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށްވެސް އަސަރުކުރާ ކަމަށެވެ.

"ކަނޑުގެ ދަރިންގެ" ގޮތުގައި ދިވެހިންގެ ޝަހްސު ބިނާކުރުމުގައާއި، ދިވެހިންގެ އިގްތިސާދު ބައްޓަންކުރުމުގައި ކަނޑުގެ ދިިރުންތައް ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމާއި، މަސްވެރިކަމަކީ ރާއްޖޭގެ އާމްދަނީގެ އަސާސީ ހިއްސާދާރު ކަމަށް ވިދާޅުވި އެވެ.

"މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން ނާއިންސާފު މިންވަރަކަށް ތަހައްމަލް ކުރަން ޖެހޭ. މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދަނީ މަދު ވަސީލަތްތަކެއް ބޭނުން ކޮށްގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭކަމަށެވެ. އަދި އެއީ ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި ގާނޫނުގައި މަޖުބޫރުކުރާ ކަމެއް ކަމަށެވެ.

އެހެންވެ، ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ގައުމުތަކެއްގެ ވެއްޓަށް ފެތޭ، ބަދަލުވެވޭނެ އިންސާފުވެރި މޫސުމީ ސިޔާސަތެއް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!