ޚަބަރު

ޝެއިޚް ޒައިދު ޖޭއެސްސީ އަށް: އެމްޑީއެންއަށް ފިޔަވަޅު އެޅުމަށް ގޮވާލުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްލާމްދީނުގެ އުސޫލުތަކަށް ފާޅުގައި ގޮންޖަހާފައިވާ ނާތަހުޒީބު މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އަށް ފިޔަވަޅު އެޅުމަށް ގޮވާލުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްދެއް ދެއްވަމުން ޝެއިޚް ޒައިދު މިއަދު ވިދާޅުވެފައިވަނީ އިސްލާމްދީނުގެ އުސޫލުތަކަށް ފާޅުގައި ގޮންޖަހާފައިވާ ކަމަށް ދައުލަތުން ވެސް ޤަބޫލު ކުރައްވާ ނާތަހުޒީބު އެމްޑީއެން އަށް ފިޔަވަޅު އެޅުމަށް ގޮވާލުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއް ކަމަށެވެ. އަދި ފަނޑިޔާރުންނާއި ޖޭއެސްސީން ވެސް އެމްޑީއެން އާއި ދެކޮޅަށް އަޑު އުފުލަން ޖެހޭނެ ކަމަށް ޝެއިޚް ޒައިދު ވިދާޅުވެފައިވެއެވެ.

 

ޝެއިޚް ޒައިދު މިހެން ވިދާޅުވެފައި ވާއިރު، އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ތައްޔާރުކުރި އެމްޑީއެން އާއި ދެކޮޅަށް ބޭއްވި އިހުތިޖާޖެއްގައި ބައިވެރިވި މެޖިސްޓްރޭޓަކަށް ނަސޭޙަތް ދޭން ޖޭއެސްސީން ވަނީ ނިންމައިފިއެވެ.

އެމްޑީއެންއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާ ބޭއްވި ހަރަކާތުގައި ބައިވެރިވެފައި ވަނީ ރ. ހުޅުއްދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ މުސްތަފާ އެވެ.

މިކަމާއި ގުޅޭގޮތުން ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެންއާ ދެކޮޅަށް ބޭއްވި ހަރަކާތުގައި އިސް މެޖިސްޓްރޭޓް މުސްތަފާ ބައިވެރިވިކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށާއި އެކަމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް ކަމެއް ކަމަށެވެ.

އެހެންކަމުން މެޖިސްޓްރޭޓް މުސްތަފާއާ މެދު ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމާއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރަން އެންގުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!