ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ސުވާލުކުރަން ހައުސިން މިނިސްޓަރާ ސުވާލުކުރަން ހުށަހަޅައިފި
ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން ސުވާލުކުރަން ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ.
މިނިސްޓަރު ހާޒިރުކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.
މީކާއިލް މިނިސްޓަރާ ކުރަން ހުށަހެޅުއްވި ސުވާލުގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް ހައުސިން ޑިވޮލޮޕްމަންްޓް ކޯޕަރޭޝަނުން ގޯތިތަކެއް ހަވާލުކުރިކަން އޮތީ ހާމަވެފައި ކަމަށެވެ.
އެހެންވެ އެ މައްސަަލައިގެ ތަހުގީގަށް ބޭނުންވާނެ އެއްވެސް ލިޔުމެއް ހައުސިން މިނިސްޓްރީ އަނދައިގެން ދިޔައިރު ނެތިގެން ގޮސްފައިވޭތީ ސާފުކޮށްދެއްވުމަށް މީކާއިލް އެދިވަޑައިގެންފައިވެ އެވެ.
މިނިސްޓަރު ހައިދަރު މިދިޔަ ހުކުރު ދުވަހު ވިދާޅުވީ އަލިފާނުގައި މިނިސްޓްރީގެ ސާވާވެސް އަނދާފައިވާާތީ ހުރިހާ ޑޭޓާއެއް ގެއްލުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ބިންވެރިޔާ ސްކީމުގެ ކޮރަޕްޝަންގެ މައްސަލައިގައި އެމްޑީޕީން މިއަދު ވަނީ މިނިސްޓަރު ހައިދަރު އިސްތިއުފާ ދިނުމަށް ވެސް ގޮވާލައިފަ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ މީހަކަށް ގޯތި ދިންކަން ފަޅާއެރީ ސޯޝަލް މީޑިއާއިން އެވެ.
ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ޕޮނުވި ސިޓީގެ ޖަވާބުގައި ބުނީ އެ މީހުންނަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވާ ކަމަށެވެ.އެ މައްސަލަ އޭސީސީން ބަލަން ފަށާފައިވާ އިރު ހަމަ އެ މައްސަލައިގައިި އިއްޔެ ފުލުހުން ވަނީ އެޗްޑީސީގެ އޮފީހަށް ވަދެފަ އެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޗެއާމަން އަހްމަދު ނާސިފް ފިޔަވާ އެހެން ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްޑަބްލިޔުއެސްސީއިން ފަޒީލްވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކުޓާ ޖެނެރަލް އައްބާސް ޝަރީފްވެސް މިއަދު ވަނީ އަންގަވައިފަ އެވެ.