ޚަބަރު

ބޯކޮށް ވެހުނު ވާރޭގައި މާލޭގެ 11 ގެއަކަށް ފެން ވަދެއްޖެ 

ޢާއިޝަތު ނުހާ ، ދެން އޮންލައިން

އިއްޔެއިން ފެށިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލެ ސިޓީގެ 11 ގެއަކަށް ފެން ވަދެ ގެއްލުން ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިސާން ހަސަން "ދެން" އަށް ވިދާޅުވީ ފެން ވަދެގެން ރިޕޯޓްކުރި 11 ގޭގެ ތެރެއިން މީހުން ބަދަލުކުރަން ޖެހޭ ގެތައް ދެނެގަނެވޭނީ ރެޕިޑް އެސެސްމެންޓު ހެދުމަށްފަހު ކަމަށެވެ. އެންޑީއެމްއޭއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ރެޕިޑް އެސެސްމެންޓު ހެދުމުގެ މަސައްކަތް މޯލްޑިވްސް ރެޑް ކްރެސެންޓާ ގުޅިގެން މިހާރު ކުރަމުންދާ ކަމަށެވެ.

ފެންބޮޑުވުމުގެ ސަބަބުން މާލޭގެ 73 ސަރަހައްދެއްގައި ވެލި ބަސްތާ ޖެހުމަށް އެދިފައިވާ ކަމަށް އޭގެ ތެރެއިން 40 ސަރަހައްދެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ 5،000 ވެލިބަސްތާ ސިޓީ ކައުންސިލަށް ދޫކޮށްފައިވާ ކަމަށެވެ.

 

ރޭ މެންދަމު 12:30 ފެށިގެން ފަތިހު 5 ޖެހުމާ ހަމައަށް ވެހުނު ވާރޭގައި މާލޭގައި ފެންބޮޑުވެފައިވާއިރު މާލެ ސަރަހައްދު ހިމެނޭހެން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 3 ޖެހުމުގެ ނިޔަލަށް ވައިޓް އެލާޓް ނެރެފަ އެވެ.

އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި, ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި, ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.

އޭގެ އިތުރުން ލ އަތޮޅުގެ ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށް ވައިޓް އެލާޓް ނެރެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.

މެޓް އޮފީހުން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ މާލެއަށް ކަމަށާއި އެގޮތުން 136.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. 117.4 މިލިމީޓަރުގެ ވާރޭ ހުޅުލެއަށް ވެހިފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެއީ 111.5 މިލިލީޓަރުގެ ވާރެ އެވެ.

Ads by HDC