ހިޖްރަ ގްރޫޕުގެ އުމްރާވެރިންނަށް ނުފުރިގެން ކަންބޮޑުވުން ފާޅުކޮށްފި
އަލް ހިޖްރަ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާން ތައްޔާރުވެ ތިބ މީހުންނަށް ނުފުރި ލަސްވެގެން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ފުރުން ލަސްވެގެން އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށްދާން ތިބި މީހުން ވަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މިޑިއާގައި ހިއްސާކޮށްފަ އެވެ.
އެކަންބޮޑުވުން އޮތަތީވެ އެ ގްރޫޕުގެ ބަހެއް ހޯދާލަން 'ދެން' އިން ގުޅާލުމުން ހިޖްރަ ގްރޫޕްގެ ޑިރެކްޓަރު, މުސްތަފާ މުހައްމަދު ވިދާޅުވީ ނުފުރިގެން އުޅެނީ ސައުދިއަރަބިޔާގެ ވިސާއަށް އެދި ހުށަހެޅުން މި ފަހަރު ލަސްވެގެން ކަމަށެވެ. އެހެންވެ ފްލައިޓުން ޖާގަ ނުލިބުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާގަ ލިބެންވެސް އޮތީ ދިގު ޓްރާސިޓްތަކެއް ކުރާ ފްލައިޓްތަކުން ކަމަށް އެ ގްރޫޕުން ބުންޏެވެ. އެކަމަކު މާދަމާ "އިންޑިގޯ" ފްލައިޓަކުން ފުރަން އުމްރާވެރިންނަށް ޖާގަ ލިބިފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިސާ ހައްދަން ފުރަތަމަ މަސައްކަތް ހަވާލުކުރީ ބަޔަކާ ކަމަށާއި، ވިސާ ލިބުނީ އިއްޔެ ކަމަށެވެ.
އެ ގްރޫޕުގެ ހަވާލުގައި އުމުރާއަށްދާ 26 މީހުން ފުރަން ހަމަޖެހިފައި ފުރަތަމަ އޮތީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން 22 ވަނަ ދުވަހަށް ބަދަލުކުރުމަށް ފަހު މިހާރު ފުރޭނެ ކަމަށް ލަފާކުރެވެނީ މާދަމާ އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާދަމާ ފުރާނަން"
ފުރުން ލަސްވުމުގެ ސަބަބުން ސަައުދީގައި އުމްރާވެރިން ހޭދަކުރަން ޖެހޭ މުއްދަތު 15 އިން 14 ދުވަހަށް ވަނީ ބަދަލުވެފަ އެވެ.
މުސްތަފާ ވިދާޅުވީ އެ ގްރޫޕުގެ ހަވާލުގައި އަޅުކަމަށް ގެންދިޔަ ބަޔަކަށް މީގެ ކުރިން އެފަދަ އެއްވެސް މައްސަލައެއް ކުރިމަތިވެފައިނުވާނެ ކަމަށެވެ. ވިސާ އަދި އެއާލައިންއިންގެ އިތުރުން ހޮޓާތައް ހަމަނުޖެހިގެން ނުވަތަ ނުފުރިވެސް ނުހުންނާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
އުމްރާ އަށް މީހުން ގެންދިއުމުގައި އަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުސޫލުތަކާއި، ކުންފުނިތަކުން މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުންތަކާއި ހިލާފުވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެފައިވެ އެވެ.
އެގޮތުން އުސޫލާ އެއްގޮތަށް އަމަލުކޮށްފައި ނުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓަރު ވަނީ ދެއްވާފަ އެވެ. އޭގެ ތެރޭގައި ހުއްދަ ބާތިލްކުރުން ވެސް ކަމަށް ވެސް ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.