އަމިއްލަ ލައިފްސްޓައިލް ބަދަލުކޮށްލަން ފެށި ދަތުރުން އުފެދުނު "ލޯ ކެލޮރީސް އެމްވީ"
ރައްޓެއްސަކު ދިން މޮޅު "ރިވިއުއަކުން" އިންސްޓާގްރާމް މެދުވެރިކޮށް ޕީނަޓު ބަޓާ ފުޅިއަކަށް އޯޑަރެއް ދިނީމެވެ. މީރު ޕީނަޓް ބަޗާއެކެވެ. ބިއްލޫރި އެ ފުޅީގެ ބޭރުގައި ލިޔެފައިވަނީ އެއީ ދިވެހި އުފެއްދުމެއް ކަމަށާއި 100 އިންސައްތަ އޭގައި އެކުލެވެނީ ޕީނަޓް ކަމަށެވެ. ސިއްހަތަށް ފައިދާ ކުރާ މިފަދަ އެތައް ކާނާއެއް ތައްޔާރުކުރަމުން އަންނަ "ލޯ ކެލޯރީސް އެމްވީ" މަސައްކަތުގެ ފަހަތުގައި ހުރީ އުފެއްދުންތެރިއެއްކަން ހަމަ ޔަގީނެވެ. އެއީ ހދ. ކުޅުދުއްފުއްޓަށް އުފަން, އާއިޝަތު އާދަމް (އައިޝާ) އެވެ.
"ދެން" އިން ކުރިއަށްގެންދާ "ބިޒް ޓެއިލްސް" ޕްރޮގްރާމަށް މި ހަފްތާގެ ޕްރޮގްރާމަށް ދިން ދައުވަތު ގަބޫލުކޮށް, ސްޓޫޑިއޯއަށް އައިސް ފުރަތަމަވެސް މައާފަށް އެދުނީ ކާއެއްޗެއް ނުގެނެވުމުންނެވެ.
ކައްކަން އޮތް ލޯބި ބަދަލުކޮށްލީ ތަފާތު ގޮތަކަށް:
ކުޑައިރުންފެށިގެންވެސް ކެއްކުމަށް ލޯބިކުރާ އައިޝާއަކީ އެންމެ ކުޑައިރުވެސް ގޭގައި ދިރިއުޅޭ އެންމެންނަށް ބޮޑެތި ކެއުން ތައްޔާރުކޮށް އުޅުނު މީހެކެވެ. އެކަމަށް އޮތް ލޯތްބަކުންނެވެ. މަދަރުސީ ހަޔާތް ނިންމާލުމަށްފަހު ޓީޗިން ހެދުމަށް ފަހު އެ ދާއިރާގައި އެކި ސްކޫލްތަކުގައި އައިޝާ މަސައްކަތްކުރި އެވެ. އެ ދުވަސްވަރުވެސް ލިބޭ ހުސްވަގުތުތަކުގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ފަދައިން އައިޝާ ކޮށްއުޅުނު ކަމެކެވެ.
"އަބަދުވެސް ސިކުނޑީގައި އިނދޭ ވަރަށް މޮޅުކޮށް ކައްކާނަމޭ"
6 އަހަރު ދުވަހު މަސައްކަތްކުރި ދާއިރާ ދޫކޮށް އައިޝާ ގޭގައި އިންނަން ފެށީ އަލަތު ދަރިފުޅު ލިބުމާއެކު އެވެ. ގޭގައި އެހެން އިނުމުގެ ތެރޭގައި ތަފާތު އާ ކާތަކެތި ތައްޔާރުކުރަން މަސައްކަތް ކުރިނަމަވެސް ފަހަރުގައިވެސް އާމްދަނީ އެއް ހޯދުމަށް އެ މަސައްކަތް ކުރުމަކީ ދުވަހަކުވެސް އޭނާ ހިތަށް އެރި ކަމެއްވެސް ނޫނެވެ.
ވަކި އެއްޗެއް ބެލުމެއް ނެތި ކައްކަމުން ދިޔަ އައިޝާގެ ދިރިއުޅުން ބަދަލުކޮށްލީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. ބަރުދަން އިތުރުވެ, ޓައިޕް 2 ޑައިބެޓިކްސް ހުރުމާއި އިތުރު ސިއްހީ މައްސަލަތަކެއް ދިމާވެ, ބަރުދަން ލުއިކުރަން އައިޝާއަށް މަޖުބޫރު ވީ އެވެ.
ބަރުދަނާއެކު ދިމާވި އެހެން ކަންކަމުގެ ސަބަބުން ކުރިން ފެށިގެން ވެސް މަސްތަކުގައި ބަލި ކަމެއް ހުންނަ އައިޝާގެ އެ ބަލި ދުވަހެއް ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. ބުރަކަށީގައި އަޅަމުން ދިޔަ ވޭން ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައިރު އިށީދެ އިނދެ ކާންވެސް އުނދަގޫވާ ހިސާބަށް އެ ބަލި މަޑުކަން ދިޔަ ކަމަށް އައިޝާ ފާހަގަކުރި އެވެ.
އެހުރިހާ ކަމަކާއެކު ބޯމަތިވި, ޑިޕްރެޝަންގެ ރާޅާވެސް އައިޝާއަށް ހަނގުރާމަ ކުރަން މަޖުބޫރުވި އެވެ. ދަރިފުޅު އުރަން އުދަނގޫވުމާއި އޮށޯވެފައި އޮވެ އެއް ފަޅިން އަނެއް ފަޅިއަށް ޖެހުންވެސް އޭނާއަށް ދަތިކަމަކަށް ވުން ފަދަ އެތައް ކަމެއް ކުރިމަތި ވި އެވެ.
އޭރު ބަރުދަން ހުރީ 70 ކިލޯއިން މަތީގައިކަން ފާހަގަކުރަމުން އައިޝާ ބުނީ ކާތަކެތި ބަދަލުކުރަން ފެށީ ޑޮކްޓަރު ދިން ލަފާގެ މަތިން ކަމަށެވެ.
"އޭރު ކުޑަ ދުވަސް ކޮޅެއް ލިބުނީ ކަސްރަތު ކޮށްގެން ކެއުން ބުއިން ރަނގަޅުކޮށްގެން ދެން ބަރުދަން ލުއިކުރަން ނޫނީ ވަރަށް ބައިވަރު މެޑިކޭޝަންސް ނަގަން ޖެހިދާނެ ކަމަށް"
ޑޮކްޓަރުގެ ލަފާގެ މަތިން ޖިމަށް ދާން ފެށުމަށްފަހު ފަތިހު ދުވަންދާންވެސް އައިޝާ ފެށި އެވެ. އަދި ކާން ތައްޔާރުކުރާ ތަކެއްޗާއި ރެސެޕީތައް ޕޯސްޓް ކުރަން ފެށީ ބްލޮގަކަށެވެ. ދުވަސްކޮޅަކުން ޕޭޖް ބަލާ މީހުނާއި ޖިމަށްދާ ކުދިން އެތަކެތި ތައްޔާރުކޮށްދިނުމަށް އެދެމުންދިޔަ ކަމަށް އައިޝާ ބުންޏެވެ.
2020 އަހަރު އާމްދަނީ ހޯދުމަށް ޕޭޖެއް ހަދާ އައިޝާ އެ މަސައްކަތް ފެށި އެވެ. ޕީނަޓް ބަޓާއިން ފެށި އެ ވިޔަފާރިއަށް ތަފާތު އެކި ބާވަތްތައް މިހާރު އިތުރުވެފައިވީ ނަމަވެސް ޕީނަޓް ބަޓާއަށް އޮތް ތަރުހީބު ތަފާތެވެ. 5 އަހަރުވެގެންދާއިރުވެސް ޕީނަޓް ބަޓާ އޯޑަރެއް ޑެލިވަރީ ނުކުރާ ދުވަހެއް ނުދާނެ ކަމަށް އައިޝާ ބުނެ އެވެ.
ގޮންޖެހުންތައް ބޮޑު, ކާމިޔާބު ދަތުރެއް!
އެ މަސައްކަތުގައި މިހިސާބަށް އައިއިރު ތަފާތު އެކި ގޮންޖެހުންތައް އައިޝާއަށް ކުރިމަތިވި އެވެ. އެ ކާތަކެތި ތައްޔާރުކުރަން ބޭނުންވާ ތަކެތި ރާއްޖެއިން ނުލިބުމަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ގޮންޖެހުމެކެވެ.
އައިޝާ ބުނީ ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަ ގޮތުގައި ސިއްހަތަށް ފައިދާ ހުރި ކާތަކެއްޗަކީ މީރު އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އެތަކެތި މީރުވާނެ ކަން ބުނެދިނުމަށް ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ ވަގުތު ހޭދަވި ކަމަށެވެ. އެހެންނަމަވެސް އޭގެ ބޮޑުބައި ރަނގަޅުވެފައިވާކަން އައިޝާ ފާހަގަކުރި އެވެ.
މިހާރު އައިޝާ ތައްޔާރުކުރާ އެ ކާތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދެ އެވެ. ބޯޑުތަކާއި ލޯންޗުތަކަށް ޑެލިވަރީކޮށްގެންނެވެ. އެހެންނަމަވެސް އެ ވިޔަފާރީގައި އައިޝާ އަދިވެސް ދެކޭ ހުވަފެނެއްވެ އެވެ. އެއީ އެ ތަކެތި ގިނަ ބަޔަކާ ހިސާބަށް ވާސިލުވެ, ގިނަ ތަންތަނުގައާއި ގިނަ ރަށްތަކުން ލިބޭނެ ދުވަހެކެވެ.
އައިޝާގެ އެ މަސައްކަތުގައި އެންމެ ބޮޑު ސަޕޯޓަކީ އޭނާގެ ފިރިމީހާ އެވެ. ތައްޔާރުކުރާ ތަކެތި ޑެލިވަރީ ކުރުމުގައި ފިރިމީހާގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކުރަމުން އައިޝާ ބުނީ ފިރިމީހާއަށް ޑެލިވަރީ ނުކުރެވިގެން ދާ ދުވަސްތަކުގައިވެސް ކަސްޓަމަރުންގެ ފަރާތުން ލިބޭ ބަސްތަކަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ފިރިމީހާގެ އިތުރުން މައިބަފައިންނާއި ފިރިމީހާގެ އާއިލާ އަދި އެއްބަނޑު ކުދިންގެ އިތުރުން އެންމެ ގާތް ދެ ރައްޓެހިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަންވެސް އައިޝާ ފާހަގަކުރި އެވެ.
އަދިވެސް ތަފާތު އެކި ބާވަތްތަކުގެ ސިއްހަތަށް ފައިދާހުރި ކާތަކެތި:
ލޯ ކެލޮރީސްއިން ހަވީރު ސަޔަށް ތައްޔާރުކުރާ އޯޓްސް ފިހުނު ގުޅަޔާއި ބަޖިޔާއާއި ހަވާދުލީ ބިސް އަދި ބޯކިބާއަކީ ޑިމާންޑް ބޮޑު ކާތަކެއްޗެވެ. ކޮންމެ ދުވަހަކުވެސް ކުދިންގެ ކަންކަމަށް ބުރޫ ނާރާ ގޮތަށް އެ ތަކެތި ތައްޔާރުކުރަން އައިޝާ އޯޑަރުތައް ނަގާއިރު އޭނާގެ ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ މެންދުރުގެ ކެއުން ތައްޔާރުކުރުމަށެވެ.
އޯޑަރަށް ތައްޔާރުކުރާ މެންދުރުގެ ކެއުމަކީވެސް ތަފާތު, މީރު ކެއުންތަކެކެވެ. ދޭ އޯޑަރުތަކުގެ އިތުރަށް ކޮންމެ ދުވަހަކުވެސް އެތަކެތި ތައްޔާރުކާއިރު އައިޝާ ތައްޔާރުކުރާ އަލްމަންޓް ބަޓާ އަދި ކެޝޫ ނަޓު ބަޓާ އަކީވެސް ފާހަގަކޮށްލެވޭ މީރު އެއްޗެކެވެ.
އޭގެ އިތުރުން އެކި ވައްތަރުތަކަށް ތައްޔާރުކުރާ ފްރޯޒަން ރޮށި ޕެކްއާއި ފިހުނު ކުޅި ރޮށި ޕެކްއަކީވެސް ނުކައި ދޫކޮށްލާ ވަރަށްވުރެ މީރު ތަކެއްޗެވެ.
އޭގެ އިތުރުން މިހާރު ވެސް އާ ބާވަތެއްގެ ކާތަކެއްޗެއް ކަސްޓަމަރުންނާ ހަމައަށް ނެރުމަށް އައިޝާ ދަނީ މަސައްކަތްކުރަމުންނެވެ. އެއީ ވިހައިގެން އުޅޭ މީހުންނަށް ނުވަތަ އޮޕަރޭޭޝަނެއް ކޮށްގެން އުޅޭ މީހުންގެ ފުރަތަމަ ދުވަސްތަކުގައި ކެވޭ ގޮތަށް ތައްޔާރުކުރާ ފައިދާ ހުރި ފްރޯޒަން މީލެކެވެ.
6 މިނެޓުން މައިކްރޯވޭވްކޮށްލައިގެން ކާލެވޭ އެ ޕެކްގައި ހިމެނެނީ ބްރައިން ރައިސްގެ އިތުރުން ތަރުކާރީއާއި ކުކުޅު ނުވަތަ މަހެވެ. އެއާއެކު ވަރަށް ގިނަ ބަޔަކަށް އެކަމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް އައިޝާ އުންމީދުކުރެ އެވެ.