ދިރިއުޅުމެއް ފެށުމާއެކު ވޫލުން ވިޔުމުން އާމްދަނީ ހޯދުމުގައި ކުރިއަށް!
ސްކޫލު ދުވަސްވަރު ކޮންމެ ކުއްޖަކީވެސް ކުރެހުމާ ވިޔުމާއި ނުވަތަ އެހެނިހެންވެސް ފަންނީ މަސައްކަތްތަކުގައި ޝާމިލްވެގެން އުޅޭ ކުދިންނެވެ. ކުޑައިރު އުފެދޭ ޝައުގުވެރިކަމައިގެން ކުރިއަށް ދިއުމަށް އަމިއްލަ އާއިލާއެއް ފަށައިގެން ދަރިން ލިބޭ ހިސާބުންވެސް ބައެއް މީހުން އެ މަސައްކަތުގެ ތެރެއަށް ނިކުމެ އެވެ. މަރިޔަމް ސަމާ ހާލިދަކީ އެކަމަށް އޮންނަ ޝައުގުވެރިކަމާއިއެކު މި މަސައްކަތް ވިޔަފާރިއަކަށް ބަދަލުކޮށްފައިވާ ހުނަރުވެރި އަންހެނެކެވެ.
މިހާރުގެ މުޖުތަމައުއަށް ގަބޫލުކުރެވިފައި އޮންނަނީ "ހައުސް ވައިފް" މިއީ ނުކިޔަވާ ގޭގައި ކަންނެތްވެފައި ތިބި ބަޔެއްގެ ގޮތުގަ އެވެ. ނަމަވެސް ސަމާ މިއީ ކުށް ހީއެއް ކަމަށް އެންމެންނަށް ދައްކާދިފި އެވެ. މީހަކާ އިދެގެން ދިރިއުޅުމެއް ފެށި ގޭގައި އިދެގެން ކުރާނެ މަސައްކަތަކަށް ސަމާ ހިޔާރުކުރީ ވޫލުން އެއްޗެހި ވިޔުމެވެ.
2016 ވަނަ އަހަރުގައި ފެށުނު މި ކަވި މަސައްކަތް ދަސްކުރަން ގިނަ ދުވަސް ނެގި ކަމުގައިވިޔަސް ސަމާ މި މަސައްކަތް ކުރަމުންދިޔައީ ޝައުގުވެރިކަމާއެކު އެވެ. މި މަސައްކަތުގައި 8 އަހަރު ވެގެން ދިޔައިރުވެސް ކޮންމެ ދުވަހަކު 2 ގަޑިއިރު 3 ގަޑިއިރު ދަސްކުރުމާއި އޯޑަރުތައް ނިންމުމުގައި ސަމާ ހޭދަ ކުރެ އެވެ.
މަސައްކަތާ ބަލާފަ ރަނގަޅު އާމްދަނީއެއް ލިބޭ
ވޫލުން ވިޔުމުގެ މަސައްކަތަކީ ކަވި ގިނައިރުން ކުރެވޭ މަސައްކަތެއްކަން ސަމާ ފާހަގަކުރި އެވެ. މަސައްކަތް ކުރަމުން ހެދޭ ކުށްތައް ރަނގަޅުކޮށް، ދަސްކުރުމަށް ސަމާ ގިނަ ވަގުތު ހޭދަކުރަމުންދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތި އެވެ.
"އެކަމަކުވެސް ހުއްޓާނުލާ ހިތްވަރު އެލުވާ ނުލާ، މި މަސައްކަތް ކުރިއަށް ދަމުން ގޮސް މި މަސައްކަތް ކުރަން ފެށީމަ އޯޓަރުތަކާ އެއްޗެހި ލިބެން ފެށީމަ ދެން އަޅުގަނޑަށް އިނގިއްޖެ ހުއްޓާ ނުލާ މި މަސައްކަތް ކުރެވޭނެ ކަން. ގޭތެރޭ ކަންކަން ހަމަޖައްސާލެވޭ ވަރަށްވެސް އާމްދަނީ ލިބޭ"
މި މަސައްކަތަށް ވަރަށް ގިނަ ވަގުތު ހޭދަވާކަންވެސް ސަމާ ފާހަގަކުރެ އެވެ. އަދި އެންމެންނަށް ދަސްވާން އެކި ވަގުތު ނަގާކަމަށްވެސް އޭނާ ފާހަގަކުރި އެވެ.
ވަޒީފާ އަކަށް ދިއުމެއްނެތިވެސް ސަމާ ދަނީ މިކަމުގައި ކުރި އެރުންތައް ހޯދަމުންނެވެ. 2016 ވަނަ އަހަރުގައި ދަރިއެއް ލިބުމުންވެސް ސަމާ މަސައްކަތައިގެން ކުރިއަށް ދިޔަ އެވެ. މާލޭގައި މަސައްކަތް ކުރަމުން ދިޔަ ސަމާ ދޮށީ ދަރިފުޅު ވެކްސިން ފުރިހަމަ ކުރުމަށްފަހު 2018 ވަނަ އަހަރު އާއިލާއެކު ބަދަލުވީ ބ. އަތޮޅު ފަޅު ރަށަކަށެވެ.
"އެއީ މައިދާތަ ދަނޑުވެރިކަން ކުރަމުންދިޔަ ރަށެއް. އެތާ އުޅެމުންވެސް މަސައްކަތް ކުރިއަށް ގެންދިޔައިން ޕޭޖުން އޯޓަރު ނަގައިގެން. ދެން ދޯނިން މާލެ ފޮނުވާ މާލެ ކޮޅުން ޑެލިވަރީއާއި އެއްޗެހި ކުރީ."
އޭގެ ފަހުން ސަމާ މަސައްކަތް ކުރަމުންދިޔައީ މާލެ އާއި ހުޅުމާލޭގަ އެވެ.
މަސައްކަތުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ދިމާވި އުދަނގުލަކީ ތަކެތި ހޯދުން.
ކޮންމެ ކަހަލަ މަސައްކަތެއް ކުރިކަމުގައިވިޔަސް ގޮންޖެހުންތަކެއް ހުރި އެވެ. އެގޮތައް ސަމާ އަށް މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަޑައްތުކޮށްފައިވަނީ އުފަލާއެކު ހިތްވަރާ އެކު އެވެ.
ރާއްޖެއަކީ އެތަކެއް ފިހާރަތަކެއް ހުއްޓަސް ބޭނުންވާ ތަކެތި ހޯދުމަށް ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ ގައުމެކެވެ. އެގޮތައް ސަމާއަށްވެސް މި މަސައްކަތުގައި އުފުލަންޖެހުނު އެންމެ ބޮޑު ތަކުލީފަކީ ބޭނުންވާ ތަކެތި ރާއްޖެއިން ބޭރުން ގެންނަން ޖެހުމެވެ.
"ނަމަވެސް މިހާރު ބޭރުން އޯޓަރު ކުރަން މިޖެހެނީ ވަރަށް މަދުން. ދެން މި ކޮޅު ފިހާރަތަކުން ރިކުއެސްޓު ކުރީމަ މަސައްކަތް ކުރާނެ ކުދިންނަށް ފަސޭހަވާނެ ހެން އެއްޗެހި ގެނެސްދޭ އެބަ އަގު ހެޔޮކޮށް."
މިކަމުގައި ދެން އެންމެ ބޮޑަށް ދިމާވާ ގޮންޖެހުމަކީ ތަކެތީގެ އަގުބޮޑުވެގެން ކަސްޓަމަރުން ކުރާ ޝަކުވާ އެވެ. ދެން އެންމެ ބޮޑު އުދަނގުލަކީ އެމަޖެންސީ ހާލަތްތަކުގައި އޯޑަރު ވަގުތައް ނިންމާ ނުލެވުން ކަމަށްވެސް ސަމާ ފާހަގަކުރެ އެވެ.
"އެކަމަކުވެސް ކަސްޓަމަރާ ވާހަކަ ދައްކާލައިގެން ރަނގަޅު ކޮމިއުނިކޭޝަނެއް ބާއްވައިގެން. އަގު ބޮޑުވެގެން އުޅެފަވެސް ކިޔާދީނަމަ ވަރަށް ގިނަ މީހުންނަށް މިހާރު އަންޓަންސްޓޭންޓިންވޭ"
އިތުރު ބަޔަކު މަސަައްކަތުގެ ތެރެއަށް ނެރުމަށް ޖަމިއްޔާއެއްގެ މަސަައްކަތް ކުރަމުން މިދަނީ
ސަމާ އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށްވުރެ ބޮޑަށް އިސްކަމެއް ދެނީ މިކަމުގެ ތެރެއަށް ނިކުންނަ ކުދިންނާ ގުޅިގެން އެކުދިންވެސް މަސައްކަތުގެ ތެރެއަށް ނެރުމެވެ. މިހާރު ކޯސް ނުހިންގިނަމަވެސް އެހީތެރިކަން ބޭނުންވެގެން މެސެޖުކުރާ ކުދިންނަށް ސަމާ އެހީތެރިކަންދެނީ އުފަލާ އެކުގަ އެވެ.
ގޭގައި ފުލްޓައިމް މަންމައެއްގެ ދައުރު ފުރިހަމަކުރަމުން އެހީތެރިކަން ބޭނުންވާ ހުރިހާ ކުދިންނަށްވެސް އިސްކަން ދެމުން ސަމާ ދަނީ މަސައްކަތް ކުރިއަރުވަމުންނެވެ. އެހެން ކުދިންނާ ބައިވެރިވެގެން ޖަމިއްޔާއެއް އުފެއްދުމުގެ މަަސައްކަތުގައިވެސް ސަމާ ދަނީ ޝާމިލްވަމުންނެވެ.
"ކޯސް ހިންގަން އަޅުގަނޑު ގަސްތުކުރަނީ އަޅުގަނޑާ ބައެއް ކުދިން އިސްވެ ހުރެގެން އުފައްދަން ޖަމިއްޔާއެއް. އެއީ ރާއްޖޭގެ ހުރިހާ ވިޔުންތެރިންނަށް.ކޯސް ހިންގުމުގެ އިތުރުން ފަސޭހަކަމާއެކު ތަކެތި ވިއްކުމަށް މަގުފަހިވާ ގޮތްތައް އެ ޖަމިއްޔާއިން ފޯރުކޮށްދޭނަން. މިހާރު ރަޖިސްޓްރީ ކުރުމުގެ މަރުހަލާގައި މި އުޅެނީ"
އެންމެ ދެކެންބޭނުންވާ ދުވަހަކީ ވިޔާ އެއްޗެހި ވިއްކާނެ ފިހާރައެއް ހުޅުވިގެން ދިއުން
މިހާ ކަވި މަސައްކަތެއް ކޮށްފަ އަދި ޕޭޖެއް މެދުވެރިކޮށް ވިއްކުމުގެ ބަދަލުގައި ފިހާރައެއް ހުޅުވިގެން އެތަނުގައި ތަކެތި ވިއްކަން ލިބުމުގެ ހުވަފެނަކީ ސަމާ މިހާރު ބަލަމުންދާ ހުވަފެނެވެ.
"އަޅުގަނޑުގެ އެއްޗެހި އެކަނިއެއްނޫން ވިއްކަން ގަސްތުކުރަނީ. އެހެން ކުދިންގެ އެއްޗެހިވެސް ޑިސްޕްލޭ ކޮށްލަން. އަޅުގަނޑު ބޭނުންވަނީ އެހެން ކުދިންނާ އެއްކޮށް މި މަސައްކަތް ކުރިއަރަން."
މަސައްކަތް އަމިއްލައަށް ކުރި ކަމުގައިވިޔަސް އާއިލާ ސަޕޯޓަކީ އެންމެ ބޮޑު ހިތްވަރު!
ސަމާގެ މަސައްކަތް އޭނާ އަމިއްލައަށް ކުރި ކަމުގައިވިޔަސް ފިރިމީހާ އާއި ދެ ފަރާތު އާއިލާއިންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެއެވެ. ސަމާ ގަބޫލުކުރާގޮތުގައި އެމީހުންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކަކީ މި 8 އަހަރު ތެރޭގައި މި މަސައްކަތް ހުއްޓާނުލާ ކުރެވުނު މައިގަނޑު ސަބަބެވެ.
ވަގުތު މެނޭޖުކުރަނީ މަސައްކަތުގެ ސްޕިޑް އަވަސްކޮށްގެން
ވަރުބަލިކަމެއްނެތި ސަމާ މި މަސައްކަތައް ވަގުތު ހޯދަނީ ދެ ދަރިން ސްކޫލަށް ލުމަށްފަހު ގޭތެރޭގެ މަސައްކަތް ނިންމާލުމަށްފަހުގަ އެވެ. ދެން ލިބޭ ހުސްވަގުތުގައިވެސް މަސައްކަތްކޮށްލައިގެން އެ ހަދަމުންދާ އެއްޗެއް ނިންމާލެވޭ ކަމަށް ސަމާ ފާހަގަކުރި އެވެ.
"އަނެއްހެން އެ ދުވަހެއްގެ ލިބޭ އޯޑަރު އެ ދުވަހަކަށް ނިންމާލެވޭނެ. ކުޑަ އޯޑަރެއްވެއްޖިއްޔާ ކަސްޓަމަރު ކައިރީ ބުނެލަނީ ދެ ދުވަސް ތިން ދުވަސް ނަގާނެއޭ އޯޑަރު ކުރަން. ދެން ޑެލިވަރީގެ ކަންތައްކޮށްދެނީ ފިރިމީހާ"
މި މަސައްކަތްކުރެވޭނީ އަމިއްލައަށް އަމިއްލަ ނަފްސަށް ދެވޭ ހިތްވަރަކުން.
ސަމާގެ ގިނަ ދުވަހުގެ ތަޖުރިބާއިން ސަމާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ މިކަމުގައި ހިތްވަރެއް ހުރިއްޔާ ކުރެވޭނެ ކަން ބުނެލަދިނުމެވެ. އެއީ މަސައްކަތައް އިސްކަން ދީގެން ހަދާ ތަކެތި މީހުންނަށް ދެއްކުމަށް ޕޭޖަށް ލުމެވެ. އެ ހިސާބުން ވިޔަފާރި މަޑު މަޑުން ކުރިއަރާނެ ކަމަށް ސަމާ ގަބޫލުކުރެ އެވެ.