ތުއްތުއިރުން ފެށިގެން ސިއްހަތާ ބެހޭ ހުރިހާ މައުލޫމާތެއް ލިބޭ ޕޯޓަލެއް އިފުތިތާހުކޮށްފި
ތުއްތުއިރުން ފެށިގެން ކުއްޖާގެ ސިއްހަތާ ބެހޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭ ގޮތަށް ފަރުމާކުރި "މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް"، މިހިސް އިފުތިތާހުކޮށްފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ތަރައްގީކުރި މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައި ވަނީ އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.
މިހިސް މެދުވެރިކޮށް މި ފެށޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވާ ކޮންމެ ކުއްޖަކަށް ދެވޭ ވެކްސިނާއި ވިޓަމިން އޭ އާއި ފަނީބޭހުގެ މައުލޫމާތާ އަދި ހެދިބޮޑުވުމުގެ ޗާޓުގެ މައުލޫމާތު ލިބޭނެ އެވެ.
މި ޕޯޓަލުން ކުއްޖާ ހެދިބޮޑުވަމުން އަންނަ ގޮތް ބެލެނިވެރިންނަށް މޮނިޓާ ކުރެވޭނެ އެވެ. އަދި ވެކްސިން ޖަހަން ޖެހޭ ދުވަސް ކައިރިވުމުން އެސްއެމްއެސްގެ ޒަރިއްޔާއިން ނޮޓިފިކޭޝަން ލިބޭނެ ގޮތް މިހިސްއިން ހެދޭނެ އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ކުޑަކުދިންގެ ވެކްސިންތަކާއި ހެދިބޮޑުވަމުންދާ ގޮތުގެ ރެކޯޑުތައް ބަލަހައްޓަމުން އައީ ކަރުދާހެއްގައި ލިޔެގެން ކަމަށެވެ. އެހެންނަމަވެސް މި ޕޯޓަލް އާއެކު އެ ނިޒާމު ޑިޖިޓަލައިޒް ކުރެވި، އެ މައުލޫމާތު ބެލެނިވެރިންނަށާއި ކުދިންނަށް ފެންނަން ހުންނާނެ ކަމަށެވެ.
"2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވާ ކޮންމެ ކުއްޖެއްގެ ފުރިހަމަ މި ދެންނެވި މައުލޫމާތު މި ސިސްޓަމް މެދުވެރިކޮށް އަޅުގަނޑުމެންގެ ހުރިހާ ހެލްތު ޕްރޮފެޝަނަލްސްގެ އެހީތެރިކަމާ އެކު މި ނިޒާމަށް ވަދެގެން ދާނެ،" ނާޒިމް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ދެ އަހަރާއި މި އަހަރު އުފަންވި ކުދިންގެ ތެރެއިން 95 އިންސައްތަ ކުދިންގެ މައުލޫމާތު މިހިސްގައި މިހާރު ވެސް ރައްކާތެރިކުރެވިފައިވާ ކަމުގަ އެވެ. އެ މައުލޫމާތު ފެންނަން ހުރުމުން ކުއްޖާގެ ދިރިއުޅުމުގައި އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް އެޅުމުގައި މައިންބަފައިންނަށާއި ބެލެނިވެރިންނަށް ފަސޭހަވާނެކަން ފާހަގަކުރެއްވި އެވެ.
"ކުރިމަގުގައި މި ޕޯޓަލް އިތުރަށް ފުޅާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރައްޔިތުންގެ ސިއްހީ މައުލޫމާތުތައް ދުވަހެއް ދުވަހަކަށް މި ނިޒާމުގެ ތެރެއަށް ވަދެ، ފުޅާކުރެވެގެންދާ ދިއުމުގެ ނަތީޖާއެއްގެ ގޮތުން މާބަޑު އަންހެނުންގެ ސިއްހަތާ ގުޅޭ މައުލޫމާތުތަކާ އަދި ދިވެހި ކޮންމެ ރައްޔިތަކު ޑޮކްޓަރަށް ދައްކަމުންދާ ގޮތުގެ ހުރިހާ ރެކޯޑްސްތަކެއް ވެސް މި ނިޒާމުގެ ތެރޭގައި ރައްކާކުރެވިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ ސިއްހީ ހިދުމަތްތައް ކުދި އާބާދީތަކަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ޑިޖިޓަލް ހެލްތު ނިޒާމެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށެވެ.