ކިތަންމެ އަގީދާ ވަރުގަދަ މީހަކު ވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެ ކަމަށާއި އެފަދަ ހާލަތްތަކުން ސަލާމަތްވުމަށް އަގީދާގައި ސާބިތުވުމަކީ މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިތަކާ މެދު މާޔޫސް ނުވުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ދިރިއުޅުމުގެ ހަޔާތަކީ ހިތްދަތި ކަންކަމާއި ހިތާމަތަކާއި ދަތި އުނދަގޫ ކަންކަން ހިމެނިގެންވާ ހަޔާތެއް ކަމަށެވެ. ހިތްދަތި ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ވާނީ އަޒުމާއި ހިތްވަރާ އެކުގައި ކަމަށެވެ.
ކިތަންމެ އަގީދާ ވަރުގަދަ މީހަކު ވެސް މާޔޫސްވުމުގެ ތެރެއަށް ވެއްޓިދާނެ ހާލަތެއް އަތުވެދާނެ ކަމަށެވެ. އެއީ މީހާގެ އަގީދާގެ ބަލިކަށިކަމުންވާ ކަމެއް ނޫން ކަމަށާއި އެއީ އިންސާނާގެ ނަފްސުގެ ބަލިކަށިކަން ކަމަށެވެ. ނަފްސު މާޔޫސްކަމުން ސަލާމަތްވުމަށް އަގީދާގައި ސާބިތުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ވަސްވާސްތަކުގެ ޝިކާރައަކަށް ނުވެ، ވަރުގަދަ އަޒުމަކާ އެކު ސަލާމަތުގެ އައްސޭރިއަށް ވާސިލުވެވިދާނެ ކަމަށެވެ.
ދިރިއުޅުމުގައި ދިމާވާ ދަތިކަމަކަށްފަހު ލުޔެއް ލިބޭނެކަމުގެ އުންމީދު ބައެއް މީހުން ކަނޑާލާކަން ފާހަގަކޮށް މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ދިމާވާ މުސީބާތްތަކާއި ދަތިކަން ފިލައިދިއުން ﷲ ގެ އިރާދަފުޅުގައި ކަނޑައަޅުއްވާފައިވާ ކަމުގަ އެވެ. ބައެއް މީހުންގެ މަސައްކަތަކަށްވެފައި އޮންނަނީ، އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ނާއުންމީދުގެ ބަސްތައް ތަކުރާރުކުރުން ކަމުގަ އެވެ. މިފަދަ ޝުއޫރުތަކާއި ވާހަކަތައް ދެކެވެނީ އުންމީދު ކެނޑި، ދުނިޔެވީ ހަޔާތުން މާޔޫސްވެފައިވާތީ ކަމުގަ އެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައި، ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރުމަށް ފަހަތަށް ޖެހޭ ކަމުގަ އެވެ.
ހުތުބާގައި ބުނީ ކީރިތި ގުރްއާނުގައި މާޔޫސްވުމާއި އުންމީދު ކެނޑުމާ މެދު އެތައް ބަސްފުޅެއް އައިސްފައިވާ ކަމަށެވެ. އެއީ އަޅާ އޭނާގެ ވެރިރަސްކަލާނގެ ހަޒުރަތަށް ރުޖޫއަވެ ތައުބާވުން ނުވަތަ ގަޟާގަދަރާ ގުޅުންހުރި ކަމެއް ކަމުގައި ވިނަމަވެސް ކަމަށެވެ. ކަންކަމުގައި ﷲ އާ ވަކީލުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ. އެކަލާނގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.
"އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި الله ހުރިހައި ކަމެއްމެ ދެނެވޮޑިގެންވެ އެވެ. ތިޔަބައިމީހުންނަކަށް ނޭނގެ އެވެ."
މުއުމިނުންނަކީ އެންމެ ބޮޑެތި މުސީބާތުގެ ވަގުތުތަކުގައި ވެސް، ﷲ ގެ ރަހްމަތާއި ލުޔަށް އުންމީދުކުރާ، އެމީހުންގެ ހިތްތައް ޔަގީންކަމުން ފުރިފައިވާ ބައެއް ކަމުގައި ހުކުރު ހުތުބާގައި ބުންޏެވެ. މާތް ﷲ ގެ މަގުގައި ސާބިތުވެ ހުންނަ މީހަކު މާޔޫސްވެގެން ނުވާނެ ކަމަށެވެ. ހިތްދަތިކަމުގެ ހާލަތުގައި ބައެއް ފަހަރު ވަސްވާސްތަކާއި ވަހުމުތަކުގެ ޝިކާރައަކަށްވެ، އިންސާނާ ޝައިތޯނާގެ މަކަރުވެރިކަމުގެ ދަލުގައި ޖެހި، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލާ ކަމަށެވެ.
ހުތުބާގައި ވަނީ ކުރިމަތިވާ ހިތާމަ އާއި ހިތްދަތިކަން ފިލުވުމަށް އެހީތެރިވާނެ ބައެއް ސަބަބުތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އެގޮތުން ދިމާވާ ކޮންމެ ކަމެއްގައި ވެސް މާތް ﷲ އާ ވަކީލުކުރަން ޖެހޭކަން ފާހަގަކުރި އެވެ. އެކަލާނގެ ނިންމެވުން ރައްދުކުރާނެ އަދި އިރާދަކުރައްވާފައިވާ ގޮތް ބަދަލު ކުރެވޭނެ އެއްވެސް ފަރާތެއް ނުވާކަން ހަނދާންކޮށްދިނެވެ.
ހިތްތަކަށް ހަމަޖެހުން ލިބޭ ސަބަބުތަކުގެ ތެރޭގައި ހެޔޮލަފާ މީހުންނާ އެކު އުޅުމާއި، އެމީހުންގެ ވާހަކަތައް އަޑުއަހައި، އެމީހުންގެ ނަސޭހަތްތަކުގެ ފައިދާ ހޯދުން ހިމެނޭ ކަމަށެވެ. އަދި ކީރިތި ގުރްއާނާ މެދު ވިސްނައި ފިކުރުކޮށް އެ ފޮތް ކިޔެވުން ހިމެނޭ ކަމަށެވެ. އެއީ ހިތާމަތައް ފިލުވައި، ކަންބޮޑުވުންތަކާއި ހިތްދަތިކަން ދުރުކުރުމުގައި އެންމެ މަތިވެރި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ބުންޏެވެ.
އޭގެ އިތުރުން ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި، ނިދުމުގެ ކުރިން ކުރާ ޒިކުރުތަކާއި ދުވާލާއި ރޭގަނޑުގެ އެހެނިހެން ވަގުތުތަކުގައި ކުރާ ޒިކުރުތައް ހިމެނޭ ކަމަށެވެ. މި ޒިކުރުތަކުން މާތް ﷲ ގެ ވާގިފުޅާ އެކު، ޖިންނި ޝައިތޯނުންނާއި އިންސާނުންގެ ތެރެއިންވާ ޝައިތޯނުންގެ ނުބައިކަމުން ރައްކާތެރިވާ ކަމަށެވެ. އަދި ބޮޑެތި މުސީބާތްތަކާއި ދަތިއުނދަގޫތަކާ ކުރިމަތިވާއިރު، ކީރިތި މާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާ ދުއާ ކިޔުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކުރި އެވެ.