އިހަވަންދިއްޕޮޅު ގޭޓުން ފުރަތަމަ ފަހަރަށް ހިދުމަތް ދިނީ ބޭރު ޔޮޓަކަށް
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ފޭސްބުކް ގައި ލިޔުނު ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުގެ ޔޮޓަކަށް ކުލިއަރެންސް ހިދުމަތް ދީފައވާނެ ކަމަށެވެ.
ވަޖީހު ވިދާޅުވީ އެ ޔޮޓަކީ ފަތުރުވެރިން ގޮވައިގެން ރާއްޖެ އައި ޔޮޓެއް ކަމަށެވެ. މިދުވަސްވަރު ރާއްޖެ އަށް ފަތުރުވެރިން ގޮވައިގެން ގިނަ އަދަދަކަށް ޔޮޓު ފަހަރު ދަތުރު ކުރާނެ ކަމަށް ބެލެވޭތީ، ޔޮޓު ފަހަރަށް ބޭނުންވާ ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އޮތީ ތައްޔާރަށް ކަމަށް ވަޖީހު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ އުތުރުގައިވާ އިހަވަންދިއްޕޮޅު ގުދުރަތީ އަތޮޅު ހިމެނޭ ސަރަހައްދަކީ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް މުދާ އުފުލައިގެން ހުރަސްކުރާ ސްޓްރެޓެޖިކް ހާއްސަ ސަރަހައްދެކެވެ. ކޮންމެ ދުވަހަކު ވެސް 200 އަށް ވުރެ ގިނަ އުޅަނދު އެ ސަރަހައްދުން ދަތުރު ކުރެ އެވެ. އާގު ބޯޓުތައް ވެސް ހިމެނޭ ގޮތަށް އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުތަކުން އެތައް ބިލިއަން ޑޮލަރުގެ މުދުާ ކޮންޓެއިނަރުތަކުގައި އުފުލަ އެވެ.
ނަމަވެސް އެ އުޅަނދުތަކަށް ބޭނުންވާ ބަންކަރިން އަދި މެރިޓައިމްގެ ހިދުމަތްތައް މިހާތަނަށް ދެމުން އައިސްފައިވަނީ އިންޑިއާ އަދި ސްރީލަންކާއިންނެވެ. ރާއްޖޭގައި މެރިޓައިމް ހިދުމަތްތަކުގެ ސިނާއަތެއް އުފެއްދުމުގެ ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް ގެންގުޅެފައިވެ އެވެ. އަދި ބައެއް އަމަލީ މަސައްކަތްތައް މިދިޔަ ދެ ސަރުކާރުގައި ވެސް ހިންގާފައި އެބަ އޮތެވެ.