މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފި

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފައިވާތީ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވާން ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން މާދަމާއިން ފެށިގެން ޖެނުއަރީ މަހުގެ 5 ދުވަހަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި, ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެކަމާ ގުޅިގެން މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެންޑީއެމްއޭއިން ނެރުނު ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ސަމާލުކަން ދޭން ޖެހޭ ކަންކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން:
- ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
- ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަމެޝިން, އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ، ކުރިއާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާތެރިކުރުން
- ބޭނުންނުކުރާ ނަމަ, ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައި, ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމުކުރުން






ކޮމެންޓް