ތިން މިނިސްޓްރީއެއް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށްފައިވާތީ، އެތަނުގެ ހޯލުތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ކުރީގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ހިންގަމުން ދިޔަ ޓިނު ބިލްޑިން އާއި ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ ހިންގަމުން އައި ގްރީން ބިލްޑިންގައި މި މަހުގެ 12 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެ އިމާރާތްތަކަށް ގެއްލުންވެ، ބޭނުން ނުކުރެވޭވަރު ވަނީ ވެފަ އެވެ. އެކަމާ ގުޅިގެން މިނިސްޓްރީތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރި އެވެ.
މިނިސްޓްރީތަކުގެ ހިދުމަތްތައް ދަރުބާރުގެއިން ދެމުން އަންނައިރު، މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނަމަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި ހައުސިން މިނިސްޓްރީގެ ބައެއް މަސައްކަތްތައް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވެ އެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ތިން މިނިސްޓްރީއެއްގެ ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރަން ޖެހުމުގެ ސަބަބުން އެތަނުގެ ހޯލުތައް ވަގުތީ ގޮތުން ކުއްޔަށް ދިނުން ހުއްޓާލާފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މިނިސްޓްރީތައް ހިންގަން އިތުރު ތަނެއް ކުއްޔަށް ނުނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. ދާއިމީ ހައްލެއް ހޯދައި މިނިސްޓްރީތައް ބަދަލުކުރެވެންދެން ސަރުކާރުގެ އިމާރާތަކުން ހިދުމަތްތައް ދިނުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވެ އެވެ.