ރަސްމާލެ މަޝްރޫއަށް ދަޢުލަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ: ރައީސް
ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ މަޝްރޫޢާ ގުޅުވައިގެން އެ ކުންފުނިން ހުޅުމާލޭގައި ތަރައްގީ ކުރާ ހައުސިންގ ޔުނިޓު މަޝްރޫއަށް އެއްކޮށް ފަންޑު ކުރާނީ އެ ކުންފުނިން ކަމަށާއި ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ

ހުޅުމާލޭގައި އީގަލް ހިލްސް ކުންފުނިން ތަރައްގީކުރާ 5,000 ހައުސިންގ ޔުނިޓުގެ މަޝްރޫއަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި، އެއީ އެ ކުންފުނިން ފަންޑުކުރާ މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ސަރުކާރުން އަނބުރާ ފައިސާ ދައްކަންޖެހޭ ގޮތަށް ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ރަސްމާލެ މަޝްރޫއުގެ ފުރަތަމަ ސޭލްސް އިން ލިބޭ 10 އިންސައްތަ ފައިސާ ނުވަތަ ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ފައިސާ ރިޒާވްގައި ބެހެއްޓުމުގެ އިޚްތިޔާރު އޮތް ނަމަވެސް، އެމަނިކުފާނު ނިންމެވީ އެންމެ މުހިންމު ވައުދު ކަމަށްވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެ ފައިސާ ޚަރަދު ކުރުމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ ޔުނިޓުތަކަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ވެސް ގާއިމްކުރާނީ އެ ކުންފުނިން ކަމަށާއި، މިކަމަށް ސަރުކާރުން އެއްވެސް ލޯނެއް ނަގަން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް 2028ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ނިމޭނެ ކަމަށް ލަފާކުރެވޭއިރު، އެހާތަނަށް ފްލެޓްތައް ލިބޭ ފަރާތްތަކާ އެކު އެގްރީމަންޓްތަކުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ޔުނިޓުތަކުގެ ބޮޑު ބައެއް ހާއްސަކުރުމަށް ހަމަޖެހިފައި ވަނީ ޒުވާނުންނާއި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށެވެ.
މީގެ އިތުރުން، މި ޔުނިޓުތައް ދޫކުރުމުގައި މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައި ނުވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫއާ އެކު ރާއްޖެއަށް ބޯހިޔާވަހިކަމުގެ ރަންޒަމާނެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.




ކޮމެންޓް