ލައިފްސްޓައިލް

‎ޝީޝާ: ދިވެހިންނަށް މާ ކަމުދާ އެއްޗަކީތަ؟

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ޒަމާން ބަދަލު ވަމުން ދާ ވަރަކަށް ދިވެހިންގެ ތެރޭގައި ހުންނަ އާދަތައް ވެސް ބަދަލު ވަމުން ދެއެވެ. ޒަމާނަށް ފެތޭ ގޮތަށެވެ. އެއީ ރަނގަޅު އާދަ އަކަށް ވިޔަސް، ނުބައި އާދަ އަކަށް ވިޔަސް މެއެވެ. މި ގޮތުން، އިހުގައި ދިވެހިން ބޮއެ އުޅުނު ގުޑުގުޑާގެ ބަދަލުގައި މިއަދު ފެނިގެން މި ދަނީ ޝީޝާއެވެ.  

ކޮންމެ ދުވަހަކު ޝީޝާ ބޮއެފައި 'ސްޓޯރީ' އަކަށް ނުލަންޏާ ނުވަތަ ސްނެޕެއް ކޮށް ނުލެވެންޏާ ބައެއް ދިވެހިންގެ ދުވަސް ފުރިހަމަ ވެސް ނުވާ ކަހަލައެވެ. އެތައް ބުރަ މަސައްކަތެއް ކޮށްގެން ލިބޭ ލާރިކޮޅު ހަރަދު ކޮށްލަނީ ހަމަ އެކަނި މިކަމަށެވެ. މިއީ ބައެއް ދިވެހިންގެ ހާލަތެވެ. މިކަމުން ޝީޝާ ބުއިމަށް ދެވި ހިފާފައި ވާ މިންވަރު ހާމަ ވެގެން އެބަ ދެއެވެ.

އާދޭހެވެ. ފޮތެއްގެ ބަނޑޭރިގަނޑަށް ބަލާފައި އޭގެ ތެރޭގައިވާ ވާހަކައެއް ނޭނގޭނެއޭ ބުނާ އަޑު އަހަމެއް ނޫން ހެއްޔެވެ؟ ހަމަ މި ގޮތަށް، ޝީޝާ އިން މީރު ވަސް ދުވިޔަސް އެއިން ތިމާއަށް ގެއްލުމެއް ނުވާނެއެކޭ ވެސް ނުބުނެވޭނެއެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޝީޝާގެ ދުމަކީ ސިގިރެޓުގެ ދުމަށް ވުރެ އެތައް ގުނައެއް ހަށިގަނޑަށް ނުރައްކާތެރި އެއްޗެކެވެ.

ޝީޝާއާއި ސިނގިރޭޓުގައި ދާދި އެއް މާއްދާ ތަކެއް ހިމެނޭއިރު، ޝީޝާގައި މި މާއްދާތައް ހިމެނޭ އިންސައްތަ އެތައް ގުނައެއް ބޮޑެވެ. އެހެންކަމުން، ޝީޝާ ބޯ މީހުން ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.

މިފަދަ ކަމަކަށް ދެވިހިފައިފި ނަމަ އެކަމެއް ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެނަސް، ނުކުރެވޭނެ ވަރުގެ ކަމެއް ވެސް ނޫނެވެ. އެހެންކަމުން، ތިބާ އަކީ މިފަދަ ކަމަކަށް ދެވި ހިފާފައިވާ މީހެއް ނަމަ އެކަމެއް ހުއްޓާލުމަށް އަތުކުރި އޮޅާލާށެވެ. އެހެނީ، ކޮންމެ ކަމަކީ ވެސް ކުރެވޭނެ ކަމެވެ. އެކަމަށް ދުވަސް ނަގާފާނެ އެވެ. ނަމަވެސް، ހިތްވަރާއި އެކީ މަސައްކަތް ކޮށްފިނަމަ ކާމިޔާބު އޮތީ މާދުރަކު ނޫނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!