ޚަބަރު

ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަ، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބޯކޮށް ވާރޭވެހުނު ދުވަހެއްގައި މާލޭގެ މަގެއްގައި ފެން ބޮޑުވެފައި / ފޮޓޯ:ދެން އިމޭޖްސް

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ވިއްސާރަވާނެ ކަމަށާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފި އެވެ.

Ads by STELCO

އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި މެޓް އޮފީހުން ބުނީ މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.

މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކޮށްފައިވެ އެވެ.

މިއަދު ހަވީރު 6:00 އާ ހަމަައަށް މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ އެންމެ އުތުރާ އަދި އެންމެ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. އެހެން ހިސާބުތަަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭއިރު، މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އެހެން ހިސާބުތަަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

ބޯކޮށް ވާރޭވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ނ. އަތޮޅުން ލ. އަތޮޅަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ. މެޓް އޮފީހުން އެ ސަމާލު ނެރެފައި ވަނީ ހެނދުނު 6:30 އިން ފެށިގެން 11:30 އާ ހަމައަށެވެ.

މެޓް އޮފީހުން އެންމެފަހުން އާންމުކުރި މައުލޫމާތުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކޮށްފައި ވަނީ ލ. މާވަށަށެވެ. އެ ރަށަށް 107.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އދ. މާމިގިއްޔަށް 86.5 މިލިމީޓަރު އަދި ކ. ދިއްފުއްޓަށް 78.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ދައްކަ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑު ކުރެވިފައިވާ ރަށްތަކަކީ؛

  • ހުޅުލެ: 73.0 މިލިމީޓަރު
  • ހުޅުމާލެ: 70.9 މިލިމީޓަރު
  • ވ. ރަކީދޫ: 61.9 މިލިމީޓަރު
  • ލ. ކައްދޫ: 61.0 މިލިމީޓަރު

ރާޅުގެ އުސްމިން އުތުރުގެ އަތޮޅުތަކުގައި ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށާއި މެދުރާއްޖެތެރެ އާއި ދެކުނުގައި 5 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.

އެ އޮފީހުން ބުނި ގޮތުގައި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމުގަ އެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމުގަ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!