އިންޑިއާގެ ކޮފީ އެކްސްޕޯޓް ފުރަތަމަ ފަހަރަށް 1 ބިލިއަން އަށްވުރެ ގިނަ ޑޮލަރު ހޯދައިފި
އިންޑިއާގެ ކޮފީ އެކްސްޕޯޓް ވިޔަފާރި ފުރަތަމަ ފަހަރަށް 1 ބިލިއަން އަށްވުރެ ގިނަ ޑޮލަރު ހޯދައިފި އެވެ.
އިންޑިއާ ކޮފީ ބޯޑުން ބުނީ މިއީ 2022-2023 ވަނަ އަހަރު އިންޑިއާގެ ކޮފީ އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ކުރީ އަހަރާ އަޅާބަލާއިރު 29.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެެސް އެބޯޑުން ފާހަގަކުރި އެވެ.
އިންޑިއާ ކޮފީ ބޯޑުގެ ޗެއާމަން ޑރ. ކޭޖީ ޖަގަދީޝް ވިދާޅުވީ މިއީ އިންޑިއާގެ ކޮފީ އިންޑަސްޓްރީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކުރިއެރުން ލިބުނީ ކޮފީ އުފެއްދުންތެރިންނާއި އެކްސްޕޯޓަރުންގެ މަސައްކަތުން ކަމަށްވެސް ޗެއާމަން ފާހަގަކުރި އެވެ.
އިންޑިއާގެ ކޮފީ އެކްސްޕޯޓް މާކެޓްގައި އިޓަލީ، ޖަރުމަނު އަދި ރަޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. އަދި މިދިޔަ އަހަރު އިންޑިއާއިން 267,000 ޓަނުގެ ކޮފީ އެކްސްޕޯޓް ކޮށްފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުމުގެ ސަބަބުން އިންޑިއާގެ ކޮފީ އިންޑަސްޓްރީއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެ އެވެ. އަދި މީގެ ސަބަބުން އިންޑިއާގެ އިގްތިސޯދަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ލަފާކުރެވެ އެވެ.