ހައުސިން މަޝްރޫއުތަކަށް މި މަހު ކޮންޓްރެކްޓަރުން ހޯދަނީ
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި މަހު ކޮންޓްރެކްޓަރުން ހޯދަން އިއުލާންކުރައްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު، މިއަދު ކ ގުޅިއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މި އަަހަރުވެގެންދާނި ބޯހިޔާވަހިކަމުގެ އަހަރަށް ކަމަށެވެ.
އެގޮތުން ރަށްްރަށުގައާއެކު ހިންގަން ވައުދުވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތައް ހިންގަން ފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
އަމަލީ ގޮތުން މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ހޯދަން މި މަހު އިއުލާނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ އެކި ފަރާތްތަކާ މަސައްކަތް ހަވާލުވެގެންދާ ތަރުތީބުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި އަހަރު ވެގެންދާނީ ގެދޮރުގެ މައްސަލައިގައި އަމަލީގޮތުން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތް ހިނގާނެ އަހަރަށް. ހަމަ އެއާއެކު ބިންހިއްކާ ޖާގަ އިތުރުކުރެވިފައި ހުރި ރަށްރަށުގައި ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެ މަސައްކަތް ކުރެވޭނެ" ވިދާޅުވި އެވެ.
އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކަށް ދާއިމީ ހައްލުތައް ހޯއްދަވައިދެއްވުން ކަމަށް ވާއިރު، ތަރައްގީގެ ކަންކަން ބައްޓަންކުރައްވަނީވެސް އެ މޭރުމުންކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އަދާ ހަމައަށް ލިބިފައި ވަނީ މުޅިންވެސް އުމްރާނީ ނުވަތަ ފެންނަން ހުންނަ ތަރައްގީއެއް ކަމަށާ، ނަމަވެސް އެ މަނިކުފާނުގެ އަމާޒަކީ، އުމްރާނީ ތަރައްގީއާއެކު ފިކުރީ އަދި ރޫހާނީ ތަރައްގީ ހިމެނޭހެން ވަށާޖެހެ ތަރައްގީއެއް ގެނެސްދެއްވުން ކަމަށެވެ.
މި އަހަރަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރާނެ އަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖުމްލަ 4.8 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވާ އިރު 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.