ޚަބަރު

ފަޒުލްގެ ގެއިން 1.4 މިލިއަން ރުފިޔާ ފެނުނު

. ، ދެން އޮންލައިން
އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު/ ފޮޓޯ: އެޗްޑީސީ

އުސޫލުން ބޭރުން ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ އިސްތިއުފާދެއްވި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުންނަށް 1.4 މިލިއަން ރުފިޔާ ހޯދާފައިވާކަން "ދެން" އަށް އެނގިއްޖެ އެވެ.

Ads by Sosun Fihaara

ކޯޓު އަމުރެއްގެ ދަށުން ފުލުުހުން ފަޒުލްގެ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ހުސްވި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އިލެކްޓްރޯނިކް ސާމާނުތަކެއް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

އެ ގެ ބަލައި ފާސްކުރުމަށް ފަހު ގެންދިޔަ ތަކެތީގެ ތަފްސީލީ މައުލޫމާތު އެނގޭ މީހަކު "ދެން" އަށް ވަނީ ފަޒުލް ދިރިއުޅޭ ގެއިން ގިނަ އަދަދެއްގެ ފައިސާ ގެންދިޔަކަން ޔަގީންކޮށްދީފަ އެވެ.

"ފާސްކުރި ރޭ 1.4 މިލިއަނެއްހާ ރުފިޔާ ފެނުނު" މައްސަލައިގެ ގޮތުން ނަން ހާމަކުރަން ޝަރުތުކޮށް ވާހަކަދެއްކި މީހާ ބުންޏެވެ. އެ މައްސަލާގައި ފުލުހުންގެ މީޑިއާގެ ކޮމެންޓެއް ލިބޭގޮތް އަދި ވަނީ ނުވެފަ އެވެ.

ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެއާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރުކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ޖަވާބުގައި، އެޗްޑީސީއަށް ފޮނުވި ސިޓީގައި ބުނީ ބިންވެރިޔާގެ ސްކީމުން އެ ދެ މީހުން ގޯއްޗަށް އެޕްލައިވެސް ނުކުރާ ކަމަށާއި އަދި އެ ދެ މީހުންނަށް ގޯތި ދޫވެސްކޮށްފައި ނުވާ ކަމަށެވެ.

ބޭބެ ފޯޖު ލިޔުމެއް ހުށަހެޅި މައްސަލައިގައި އޭނާގެ ދައުރެއް ނެތް ކަމަށް ފަޒުލް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ފަޒީލަށް ގޯތީގެ ލިޔުން ދީފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އުސޫލުން ބޭރުން އެއްވެސް މީހަކަށް އެއްވެސް ލިޔުމެއް ދީފައިނުވާ ކަމަށް އަކްރަމް ވިދާޅުވެފައިވެ އެވެ.