Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުތުރުގައި ވައި ނުސާފުވެ، ފެންނަ ދުރުމިން 3 ކިލޯމީޓަރަށް ، މެދުތެރެއަށް ވެސް ފެތުރޭނެ

އުތުރުގައި ވައި ނުސާފުވެ، ފެންނަ ދުރުމިން 3 ކިލޯމީޓަރަށް ، މެދުތެރެއަށް ވެސް ފެތުރޭނެ
އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ރާއްޖޭގެ އުތުރުގެ އަތޮޅުގައި ވައި ނުސާފުވާން ފަށާފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިރޭ ބުނެފި އެވެ. ހދ ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް 7 ކިލޯމީޓަރުގެ ދުރުގައިވާ ކޭލަކުނު، މިއަދު ދުރުން ފެންނަން އޮޮތްގޮތާއި  ހުސްވި 2024 ވަނަ އަހަރުގެ ނޮވެމްބަރު ގައި ފެންނަން އޮތް ގޮތުގެ ފޮޓޯއެއް 'އެކްސް'ގައި ހިއްސާކޮށް ކުރި ޕޯސްޓެއްގައި މެޓުން ބުނީ އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް 3 ކިލޯމީޓަަރަށް ދަށްވެފައިވާ ކަމަށެވެ. "އަދި މިހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެންދާނެ ކަމަށް ލަފާކުރެވޭ" މެޓުން ބުންޏެވެ. ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ވިލިމާލެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައި ހުންނަ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި އިއްޔެ މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 122 ގަ އެވެ. މެޓުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާންމުކޮށް ވައި ނުސާފުވަމުން ދަނީ އިރުވައި މޫސުމާ ދިމާކޮށް ކަމުގަ އެވެ. ޑިސެމްބަރު މަހާއި މާޗް މަހާ ދެމެދު އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ދަށްވާ ކަމުގަ އެވެ. އެޗްޕީއޭއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ:
  • ފުއްޕާމެ އާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
  • ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާ އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • ތުއްތު ކުދިން ބޭރަށް ނުނެރުން
  • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
މިފަހުން ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ޖައްވު ނުސާފުވުމުގެ ސަބަބުން ފުސް ކަމުގެ އަސަރު ރާއްޖެއަށް ކުރެ އެވެ. އެކަން މެދުވެރިވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ވައި ނުސާފުވުމާ ގުޅިގެންނެވެ. އެ ވައިގައި ފެކްޓްރީތަކުން އަރާ ދުމާއި ހިރަފުސް ހިމެނޭއިރު، ފުސްކަމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ، ދަތުރުފަތުރުކުރަން ދަތިވެ، ސިއްހީ މައްސަލަތަކާ ދިމާވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް