މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންގެ އަދަދު މަތި ނަމަވެސް ރިހެބް ސެންޓަރުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށާއި މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް އެ ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރުކުރަން މި އަހަރު އިސްކަންދޭނެ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން ލުބްނާ ޒާހިރު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ހާއްސަ އޮޕަރޭޝަނެއް އެންޑީއޭ އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.
މި އޮޕަރޭޝަން ނިންމާލުމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެ އެވެ. އޮޕަރޭޝަނުގެ ދަށުން މަގުމަތީގައި ސަލާން ޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދޭނެ އެވެ.
ލުބްނާ ވިދާޅުވީ ރިހެބިލިޓޭޝަން ސެންޓަރު 1997 ވަނަ އަހަރު ބިނާ ކުރިފަހުން މިއަދާ ހަމައަށް ވެސް އެ އިމާރާތަށް އެއްވެސް ބަދަލެއް އައިސްފައި ނެތް ކަމަށެވެ. އެކަމަކީ އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރެއްވި އެވެ.
މުޅި ރިހެބިލިޓޭޝަން ސެންޓަރުގެ ކެޕޭސިޓީއަކީ 205 ޖާގަކަށް ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދުތަކާ އަދި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުތަކަށް ބަލާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާ ކަމުގަ އެވެ.
"ރިހެބް ސެންޓަރަކީ ވަރަށް ކުރިން ހަދާފައިވާ އިމާރާތަކަށް ވެފައި، ފާއިތުވި 10 ނޫނީ 15 އަހަރު ވެސް ނެތް އެއްވެސް ވަރަކަށް ސްޓްރަކްޗާއަށް ބަދަލެއް ގެނެސްފައެއް. 1997 ވަނަ އަހަރު އަޅާފައި ހުރި އިމާރާތް އަދި ވެސް ހުރީ،" ލުބްނާ ވިދާޅުވި އެވެ.
ވިދާޅުވީ ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ރިހެބް ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރުކޮށް، ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތަށް މި އަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
ޑްރަގް އޮފެންޑަ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގަ އެވެ.