މުޅި ގެއަށް އިންޓަނެޓް ދޭން އިތުރު އަގެެއް ނުނެގޭ ގޮތަށް ބިލެއް
މުޅި ގެއަށް ފެނާއި ނަރުދަމާއާއި ކަރަންޓު އަދި އިންޓަނެޓް ދޭން އިތުރު އަގެެއް ނުނެގޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިިފި އެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫ ހުށަހެޅުއްވި ބިލުގައި ބުނީ ރާއްޖޭގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދެނީ މޮނޮޕޮލީއެއްގެ ދަށުން ކަމަށްވާާއިރު އިންޓަނެޓްގެ ހިދުމަތް ދޭ މައިގަނޑު ދެ ކުންފުނީގެ މެދުގައި ވެސް އެދެވޭ ވާދަވެރިކަމެއް ނެތުމުން، ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގު އެދެވޭ ގޮތުގައި ހިމާޔަތް ނުކުރެވޭ ކަމަށެވެ.
އަދި ގޭބިސީއަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ފަހު އެ ގޭބިސީއެއްގެ އެކިއެކި ކަންކޮޅުތަކަށް އެދެވޭ ގޮތުގައި އެ ހިދުމަތް ލިބިގަތުމުގައި އިތުރު ތަކުލީގާއި ހޭދަކުރަން ޖެހޭތީއާއެކު އެކަންކަން ހައްލުކުރުމުގެ ބޭނުމުގައި ބިލު ހުށަހެޅީ ކަމަށް އިބްރާހިމް ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ގޭބިސީއަކަށް ފޯރުކޮށްދޭ ހިދުމަތްތައް އެ ގޭބިސީއެއްގެ ހުރިހާ ކަންކޮޅަކަށް އެއް މިންވަރަކަށް އެއް ބާރުމިނެއްގައި އަދި އެއް ހަލުވި މިނެއްގައި ފޯރުކޮށްދޭންވާނެ އެވެ.
އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެ ގޭބިސީތަކުން އިތުރު ފީއެއް ނެގުމަކީ މަނާ ކަމެކެވެ.
ހަމަ އެހެންމެ ހިދުމަތްދޭ ފަރާތުން އެ ގަވައިދާ ހިލާފުވެއްޖެނަމަ ކޮންސިއުމާ އޮމްބަޑްސްޕާސަން އަށް މައްސަލަ ހުށަހެޅުމާއި އެ ގަވައިދާ އެއްގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގެ އަމުރަކަށް އެދި ޝަރުއޯ ކޯޓަށް ހުށަހަޅައި ބަދަލު ހޯދަން އެދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.