ދިއްދޫގައި މޫދަަށް އެރިއުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ހއ. ދިއްދޫ ގައި މޫދަށް އެރިއުޅުނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އެރަށު މީހަކު "ދެން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މޫދަށް ގޮސް އުޅުނު މެދު އުމުރުފުރައިގެ ފިރިހެނަކު ނިޔާވެއްޖެ ކަމަށާއި އެމީހާ ނަގާފައިވަނީ އެރަށު ޒުވާނުންގެ މަރުކަޒާއި ވީ ދިމާލުން މޫދުން ކަމަށެވެ.
ދިއްދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޙާޝިމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 50 އަހަރުން މަތީގެ ފިރިހެނެއް ކަމަަށެވެ. އޭނާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައީ މިއަދު އިރުއޮއްސި 6:00 ހާއިރު ކަމަށް ވެސް ޙާޝިމް މައުލޫމާތު ދެއްވިއެވެ.
ހޮސްޕިޓަލަށް އެމީހާ ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ދިއްދޫ/ ހެޕީ ފިއުޗަރ، ޢަބޫބަކުރު ޢަބްދުﷲ (ބަކުރުބެ) އެވެ. އޭނާ މޫދަށް ދިޔައީ ކަސްރަތު ކުރުމަށް ފަހު ކަމަށާއި ނިޔާވެފައި އޮއްވާ ފެނުނީ ކުޑަކުދިން ތަކަކަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ދިއްދޫގެ ދެކުނު ފަރާތު އިރުމަތީ ރާޅުޖަހާ ހިސާބުގައި މީހަކު ޚަބަރު ހުސްވެފައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަަށް ލިބިފައިވަނީ މިއަދު ހަވީރު 17:56 ހާއިރު ގައެވެ.
ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޮސްޕިޓަކަށް ގެންދިޔަ ކަމަށާއި ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون