Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސްވެރިކަން ރަނގަޅުވެ، މަހަށް ނިކުންނަ ދޯނި އިތުރުވެއްޖެ

މަސްވެރިކަން ރަނގަޅުވެ، މަހަށް ނިކުންނަ ދޯނި އިތުރުވެއްޖެ
ރާއްޖޭގެ މަސްވެރިކަން ދަށްވުމަށްފަހު މަސްވެރިކަން ރަނގަޅުވެ، މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ. މިފްކޯއިން އަންނަނީ ކޮންމެ ދުވަހަކު ވެސް އެ ކުންފުނީގެ ފެސިލިޓީތަކަށާއި ބޯޓުތަކަށް މަސްކިރުވާ އަދަދާއި ކިރުވި ދޯނިތަކުގެ އަދަދާއި ސަރަހައްދުތައް އަންގައިދޭ ތަފާސް ހިސާބުތަކެއް އާންމުކުރަމުންނެވެ. މިފްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު އެވްރެޖްކޮށް، ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވަ އެވެ. މިފްކޯއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 321 ޓަނުގެ މަސް ގަނެފައިވާ ކަމަށެވެ. އެއީ:
  • ފެލިވަރު - 50.70 މެޓްރިކް ޓަނު
  • ކޫއްޑޫ ފިޝަރީޒް - 221.12 މެޓްރިކް ޓަނު
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 48.71 މެޓްރިކް ޓަނު
މިފްކޯއިން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓުގައި ހިއްސާކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެންމެ ގިނައިން މަސް ކިރުވާފައިވަނީ ގދ. އަތޮޅުންނެވެ. ގދ. އަތޮޅުގެ 44 ދޯންޏަކުން 145 މެޓްރިކް ޓަނުގެ މަސް މިފްކޯގެ ބޯޓުތަކަށް ކިރުވާފައިވާއިރު، ގއ. އަތޮޅުގެ 23 ދޯންޏަކުން 93.1 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން ޅ. އަތޮޅުގައި ވެސް މަސްވެރިކަން މި ދުވަސްވަރު ރަނގަޅެވެ. އެގޮތުން 7 ދޯންޏަކުން 28.5 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެ އެވެ. ދ. އަތޮޅުގެ 3 ދޯންޏަކުން 5 މެޓްރިކް ޓަނުގެ މަސް ކިރުވިއިރު، އައްޑޫ ހިސާބުގެ 5 ދޯންޏަކުން 48.7 މެޓްރިކް ޓަނުގެ މަސް މިފްކޯއަށް ކިރުވާފައިވެ އެވެ. މަސްވެރިކަން ރަނގަޅުވަމުން އަންނައިރު، މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ޖުމްލަ 5,797,777 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ. އެއީ 110 ދޯންޏަކުން ކިރުވާފައިވާ 492 މެޓްރިކް ޓަނުގެ މަހަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް