Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހުސްވި ޑިސެންބަރު މަހު މާފަރު އެއާޕޯޓަށް 98 ޖެޓް ޖެއްސި

ހުސްވި ޑިސެންބަރު މަހު މާފަރު އެއާޕޯޓަށް 98 ޖެޓް ޖެއްސި
ހުސްވި ޑިސެންބަރު މަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް 98 ޖެޓް ޖައްސާފައިވާ ކަމަށް އެ އެއާޕޯޓު ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނެފި އެވެ. އައިއޭއެސްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާފަރު އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރި ނަމަވެސް، އަހަރު ނިންމާލާފައިވަނީ ފާހަގަކުރެވޭ ވަރުގެ އެއާކްރާފްޓް މޫވްމެންޓްތަކާ އެކުގައި ކަމަށެވެ. ރަންވޭ ފުޅާކުރުމުގެ މަސައްކަތް ކުރުމަށް މިދިޔަ ޖޫން މަހުން ފެށިގެން ސެޕްޓެންބަރު މަހަށް އެ އެއާޕޯޓު ބަންދުކުރި އެވެ. އައިއޭއެސްއިން ބުނީ ނިމިދިޔަ ޑިސެންބަރު މަހު އެ އެއާޕޯޓަށް 98 ޕްރައިވެޓް ޖެޓް ޖައްސާފައިވާ ކަމަށެވެ. މިއީ ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އަދި ނ. އަތޮޅުގެ މަޝްހޫރު ރިސޯޓުތަކަށް ދަތުރުކުރާ މުއްސަނދި ފަތުރުވެރިންނަށް ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ފަހިވެގެންދިޔަ ފުރުސަތެއްކަން ފާހަގަކުރި އެވެ. އަދި މާފަރު އެއާޕޯޓުގެ އޮތް މަންޒިލުގެ ގޮތުން ވެސް ފަތުރުވެރިން އެ ހިސާބަށް ދަތުރުކުރާ އަދަދު ގިނަ ކަމަށް އެ ކުންފުނިން ބުންޏެވެ. އައިއޭއެސްއިން ބުނީ ޗުއްޓީ ދަތުރުތައް ފެށުމުގެ ކުރިން ރަންވޭ ފުޅާކުރުމުގެ މަޝްރޫއު ނިންމާލެވުމުން، އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސްފައިވާ ކަމަށެވެ. މާފަރު އެއާޕޯޓުން މިދިޔަ އަހަރު ފޯރުކޮށްދިން ހިދުމަތްތަކާ ބެހޭގޮތުން އައިއޭއެސްގެ ޖެނެރަލް މެނޭޖަރު މުމްތާޒު އަލީ ވިދާޅުވީ ގެނެސްފައިވާ ކުރިއެރުންތަކުން ދައްކުވައިދެނީ އާ ގޮތްތަކާއި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް އެއާޕޯޓުގެ މުވައްޒަފުން ކުރާ މަސައްކަތްތައް ކަމަށެވެ. އަދި އަހަރީ މަސައްކަތްތަކާއި ޑިސެންބަރު މަހުގެ ތަފާސް ހިސާބުތަކުން ފެނިގެންދަނީ ވައިގެ ދަތުރުފަތުރުގެ މަރުކަޒެއްގެ ގޮތުގައި އެ އެއާޕޯޓުގެ މަގާމު އިތުރަށް ވަރުގަދަވަމުންދާ މަންޒަރު ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އިތުރު ހިދުމަތްތަކެއް ތައާރަފުކޮށްފައި. އޭގެ ތެރޭގައި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތްތައް ހިމެނޭ. އަދި މިހާރު އެޕްރަންގެ މަސައްކަތްތައް ކުރިއަށްދަނީ. އަޅުގަނޑުމެންގެ ފަސިންޖަރުންގެ ބޭނުންތައް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި އަޅުގަނޑުމެންގެ އެއާޕޯޓު ވަނީ ފުޅާ ދާއިރާއެއްގައި ބަދަލުތަކެއް ގެނައުމަށް ތައްޔާރުވެފައި،"
ރާއްޖެއަކީ ގިނައިން ހަރަދުކޮށްގެން ވެސް ފަތުރުވެރިން އައުމަށް އެދޭ ތަނަކަށްވުމާ އެކު، މާފަރު އެއާޕޯޓަކީ ގައުމުގެ އިގުތިސޯދީ ކުރިއެރުމާއި ފަތުރުވެރިކަމުގެ ސްޓްރެޓެޖީތައް ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށް އައިއޭއެސްއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް