ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލުނުވާ ކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްމީ އެކައުންޓުން "އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ އދ ގައި ރާއްޖެއިން ވޯޓުދެމުންދާ ގޮތަށް ބަލާލުމުންވެސް ރާއްޖޭގެ ސްޓޭންޑު ބަަދަލުނުވާކަން ސާފުވާނެ ކަމަށެވެ.
"ކުދި ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއް" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ގައުމަކާ ހަތުރުވެރި ނުވެ ދިވެހިންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ގައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގެ މައްޗަށް ކަމަށްވެސް ވިދާޅުވި އެވެ.
ހަލީލް އެގޮތަށް ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމާގައި ރާއްޖޭގެ ތާއީދު އޮތީ ޔޫކްރޭނަށް ކަމަށް ހާމަވާ ފަދަ ގޮތަކަށް "އެކްސް" ގައި އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ކުރި ޕޯސްޓެއްގެ ވާހަކަ ނޫސްތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ.
އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ލޯރީ ހުއްސާރްއާ، ރައީސް ޑރ މުހައްމަދު މުއިއްޒު އިއްޔެ ބައްދަލުކުރި އެވެ. އެ ބައްދަލުވުމުގައި ރައީސް، ލޯރީއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށް ގާނޫނު ހަދާ މަޖިލީސް (ރިގިކޮގޫ) ގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ އދ ގައި ޔޫކްރެއިންއަށް ތާއީދު ކުރަން ނިންމުމުން ރާއްޖެއަށް ޝުކުރުއަދާކޮށްފަ އެވެ.