ޅެންވެރިންނަށް ދިން ދައުވަތުގައި ރެޕް އާޓިސްޓުން ބާކީ!
ޅެންވެރިންގެ ދުވަހުގެ އިންތިޒާމުތައް ގެންދަން ކަލްޗާ މިނިސްޓަރު އާދަމް ނަސީރު ޅެންވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރެޕް އާޓިސްޓުން ފަދަ ޒަމާނީ ޅެންވެރިންނަށް ދައުވަތު ނުދިނުމުން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މި ކަމުގެ ކަންބޮޑުވުން ފުރަތަމަ ފާޅުކުރީ ރާއްޖޭގެ އެންމެ މަގުބޫލު ރެޕް ލޭބަލް ސިމްބޮލިކް ރެކޯޑްސް (އެސްއާރު) އިންނެވެ އެވެ. އެސްއާރުން އެކްސް ޕޯސްޓެއްކޮށް ސުވާލު އުފެއްދީ ޅެންވެރިންނަކީ ކޮބައިތޯ އެވެ.
"ޅެންވެރިއަކަށް ވަނީ ކިތައް ޅެން ހެދީމަތަ؟ ނޫނީ އުމުރުން ކިހާ ދުވަހެއް ވީމަތަ؟" އެސްއާރުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
އެސްއާރުގެ ޕޯސްޓް ރީޕޯސްޓްކޮށް އެހެން އެތައް ބަޔަކު ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރެއްވި މޫސާ ސިރާޖު ވިދާޅުވީ އިޖުތިމާއީ އެތައް މައްސަލައެއް ޅެން ބަހުން ކިޔައިދިން އާޓިސްޓުންނަކީ އެސްއާރުގެ އާޓިސްޓުން ކަމަށެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓު ޝައްމޫން ޖަލީލު (ލޫކަސް) ވެސް ޕޯސްޓު ކުރެއްވި އެވެ. އަދަބީ އަދި ތާރީހީ ކަންކަން ދިރާސާކުރައްވާ ލޫކަސް ވިދާޅުވީ މި ޖީލުގައި ދިވެހި ޅެންވެެރިކަން އެންމެ ބޮޑަށް ފެންނަނީ ރެޕްގެ ތެރެއިން ކަމަށެވެ.
"ރެޕްކުރާ އެހެން ފަންނާނުންނަކީ ޅެންވެރިން. ދިވެހި ޅެންވެރިކަން އާ ޖީލަށް ގެންގޮސްދޭ ޅެމުގެ ފަންނާނުން. ރެޕް އިތުރަށް ތަރައްގީކުރުމަށް ދިވެހި ބަހުގެ އެކެޑަމީ އާ ގުޅުންހުރި ދާއިރާތަކުގެ އެއްބާރުލުން ދޭން ވާނެ،" ލޫކަސް ލިޔުއްވާފައިވެ އެވެ.
މިއުޒީޝަން ޝަހީދު ލެގަސީ ޕޯސްޓު ކުރައްވާފައިވާ ވިދާޅުވީ މިއުޒިކް ހުރިހާ ދާއިރާއެއްގެ ފަންނާނުން ވެސް ޅެންވެރިންގެ ގޮތުގައި ބަލައިގަންނާން ޖެހޭނެ ކަމަށެވެ. ރެޕް އާޓިސްޓުންނާއި މިއުޒީޝަނުން ބާކީކުރުން އޭނާ ވެސް ކުށްވެރި ކުރި އެވެ.
ޅެންވެރިންގެ ދުވަހުގެ މުނާސަތުގައި ރޭ ޖަލްސާއެއް ވެސް ބޭއްވި އެވެ. އެ ޖަލްސާއަށް ވެސް ރެޕް އާޓިސްޓުންނަށް ދައުވަތު ދީފައިވާ ކަމަކަށް ނުބެލެވެ އެވެ.