ވަގު ފޯމްތަކާ އެކު މެމްބަރު މުހައްމަދާއި ބައިވެރިވި މީހުންނަށް ތަހުގީގު އަމާޒުކުރަން އެދެފި
ސައްހަ ނޫން ފޯމު ހުށަހަޅައިގެން ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއަށް މީހުން ވެއްދި މައްސަލަ އާ ގުޅިގެން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި ވިލިމާލޭ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު މުހައްމަދު އިސްމާއީލަށާއި ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށް އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ބަލައިދިނުމަށް އެދިފައިވާނެ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހު ބުނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމް ފުރައިގެން ކޮންގްރެސް ޕާޓީއަށް ވެއްދި މައްސަލައިގެ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ ކިބައިން ވެސް އެދިފައިވާ ކަމަށެވެ.
އޭގެ އިތުރުން ކޮންގްރެސް ޕާޓީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި ޕްރޮސެސްކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީ އެއް ފޮނުވާފައިވާ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެ އެވެ.
އެ ޕާޓީގެ ގާނޫނީ ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގެ ތަފުސީލު ހާމަކުރައްވާ އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ވިދާޅުވީ މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުންގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ފުލުހުންނަށް 68 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދިޔަ ނަމަވެސް، މުޅި ހަރަކާތް ހިންގާފައިވާ ގޮތް ނިއުޅިގެންދާނެ ކަމަށެވެ.
ފުލުހުންނަށް ހުށަހެޅި މައްސަލައިގައި ހާއްސަ ގޮތެއްގައި މިނިސްޓަރު އިހްސާން އަދި ފޯމުތަކުގައި ހެކިންގެ ގޮތުގައި ސޮއިކުރި މެމްބަރު މުހައްމަދު އިސްމާއިލަށާއި ސޮއިކުރި އެހެން މީހުންނާއި ކަމުގައި ޝާމިލުވި ޑީއެންއާރުގެ އިސް މުވައްޒަފުންގެ އިތުރުން ޖުމްލަ ގޮތެއްގައި ކަމުގައި ބައިވެރިވި އެންމެނަށް ތަހުގީގު އަމާޒުކޮށްދިނުމަށް އެ ޕާޓީން އެދިފައިވާނެ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
ހެއްކެއްގެ ގޮތުގައި ފޯމުތަކުގައި ސޮއިކުރުމާ ގުޅޭގޮތުން މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ އޭނާ ވިދާޅުވި ގޮތުގައި ހެކިންގެ ގޮތުގައި ސޮއިކުރާ މީހާ ދޭ ކަށަވަރު ކަމަކީ އެ މީހާގެ ހާޒިރުގައި ސޮއިކުރިކަން ކަމުގަ އެވެ.
މައްސަލަ ތަހުގީގުކުރާއިރު ބެލިދާނެ ކަމަށް ފާހަގަކުރީ:
- މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ފޯން ނަމްބަރު އޮންނައިރު، ކިތައް ފޯމުގައިތޯ އެއް ފޯނު ނަމްބަރު ތަކުރާރުވެފައި އޮތީ
- ކިތައް ފޯމުގައިތޯ ހެކިންގެ ގޮތުގައި އެއް ފަރާތްތަކެއް ސޮއިކޮށްފައި ވަނީ
- ސޮއިކުރި ގިނަ މީހުން ރަށްރަށުގައި ތިބިއިރު، ހެކިން އެވަގުތު ތިބީ ކޮންތާކުތޯ
އެއްފަހަރާ ގިނަ ފޯމުތަކެއްގައި ސޮއިކުރުމަކީ އާންމު ކަމެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވި ނަމަވެސް އެކަމަކީ ޖިނާއީ ކުށެއް ކަމުގައި މަހްފޫޒް ވިދާޅުވި އެވެ.
"ޖިނާއީ ކުށެއްގެ އަމަލު ހިންގަވާފައި އެކަމަށް، އާންމުކޮށް މުޅި ދިވެހި ރައްޔިތުންގެ ކުރިމަތީގައި އިއުތިރާފުވީމަ، މި ސޮއިކުރެއްވި ކޮންމެ ފޯމަކީ އެއީ ޖިނާއީ ކުށުގެ އަމަލެއް. މިއިން ކޮންމެ ފޯމެއްގެ ނިސްބަތުން ތަހުގީގު ކުރެވި، ކޮންމެ ފޯމަކާ މެދު ވަކިވަކިން ޖިނާއީ ދައުވާ ކުރެވެން ޖެހޭ މުހައްމަދު އިސްމާއީލުގެ މައްޗަށް،" މަހްފޫޒް ވިދާޅުވި އެވެ.
މައްސަލަ އާ ގުޅިގެން އެމްޑީޕީން އިތުރަށް ބުނެފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް އީސީން ޕްރޮސެސްކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ނިންމުން އަނބުރާ ގެންދަން ޖެހޭ ކަމަށެވެ. ޕާޓީތަކަށް ވަނުމުގެ ހައްގު ނުހިފެހެއްޓޭނެ ކަމަށާއި ކަމާ ގުޅިގެން އެ ފިޔަވަޅު އަޅަން ޖެހޭނީ ކޮންގްރެސް ޕާޓީއަށް އެކަނިކަން ފާހަގަކުރި އެވެ.
"މައްސަލައިގެ ތަހުގީގު އަވަސްކުރަން ޖެހޭ ސަބަބަކީ، މި މައްސަލައިގެ ޕްރައިމަރީ ހެއްކަކީ މައްސަލަ ތަހުގީގުކުރަން ބޭނުންކުރާނެ އެންމެ އަސާސީ ވަސީލަތަކީ އެ ހުށަހަޅާފައި އޮތް ފޯމް. އެ ފޯމު ވީ އެ އިދާރާތަކުގެ ބެލުމުގެ ދަށުގައި. އެހެންވީމާ މިވަގުތު ހެކި ނައްތާލުމުގެ އިހްތިމާލު ވެސް އޮތަތީ މި މައްސަލައިގެ ތަހުގީގު އަވަސްކުރަން ޖެހޭ،"
ޕީޖީއަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު އަވަސްކޮށްދިނުމަށް ވެސް ގޮވާލައި އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.