Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނުސާފު ވައިގެ ގެއްލުމުން ސަލާމަތްވުމަށް ޓަކައި މާސްކް އަޅަން ލަފާ ދީފި

ނުސާފު ވައިގެ ގެއްލުމުން ސަލާމަތްވުމަށް ޓަކައި މާސްކް އަޅަން ލަފާ ދީފި
އިރުވައި މޫސުމުގެ ދުންފުހުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައި ނުސާފުވެފައިވާތީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް މާސްކް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ވިލިމާލެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައި ހުންނަ އެއާ ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 152 ގަ އެވެ. މިހާރު ވައިގެ ކޮލިޓީ ހުރީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރިވާ މިންވަރެއްގަ އެވެ. މި މިންވަރުގައި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެ އާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް ބޮޑެވެ. ވުމާ އެކު ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މެދުމިނަށް އަންނާނެ ކަމަށް ލަފާކޮށްފައި ވަނީ މިރޭ 11:00 އިން ފެށިގެނެވެ. ށ. ފުނަދޫ ކައުންސިލުގައި ބަހައްޓާފައި ހުރި ކޮލިޓީ މޮނިޓަރިން ސިސްޓަމުން ދައްކާ ގޮތުން އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 76 ގަ އެވެ. ލ. ގަން ކައުންސިލުގައި ހުރި ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 75 ގަ އެވެ. ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މީގެކުރިން ބުނެފައިވާ ގޮތުގައި އާންމުކޮށް ވައި ނުސާފުވަމުން ދަނީ އިރުވައި މޫސުމާ ދިމާކޮށް ކަމުގަ އެވެ. ޑިސެމްބަރު މަހާއި މާޗް މަހާ ދެމެދު އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ދަށްވާ ކަމުގަ އެވެ. އެޗްޕީއޭއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށްފަ އެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ:
  • ފުއްޕާމެ އާއި ހިތުގެ ބައްޔާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
  • ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާ އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުން
  • ތުއްތު ކުދިން ބޭރަށް ނުނެރުން
  • ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން
  • ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން
މިފަހުން ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ޖައްވު ނުސާފުވުމުގެ ސަބަބުން ފުސްކަމުގެ އަސަރު ރާއްޖެއަށް ކުރެ އެވެ. އެކަން މެދުވެރިވަނީ އުތުރު އިންޑިއާގެ ސަރަހައްދުތަކުން އަންނަ ވައި ނުސާފުވުމާ ގުޅިގެންނެވެ. އެ ވައިގައި ފެކްޓްރީތަކުން އަރާ ދުމާއި ހިރަފުސް ހިމެނޭއިރު، ފުސްކަމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ދަށްވެ، ދަތުރުފަތުރުކުރަން ދަތިވެ، ސިއްހީ މައްސަލަތަކާ ދިމާވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް