ފުލުހުންގެ ގާބިލުކަން އިތުރުކުރަން އިންޑިއާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދިވެހި ފުލުހުންނާ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އިންޑީއާގެ ގައުމުގެ ފުންނާބު އުސް ތަމްރީނުދޭ މަރުކަޒުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
ފުލުސް އޮފީހުގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފުލުހުންގެ ވަފުދެއް މި މަހު 12 އިން 17 އަށް އިންޑިއާއަށް ކުރެއްވި ދަތުރުގައި ކަމަށެވެ
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން އިސްކޮށް ހުންނެވި މި ވަފުދުގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްތާން އަހުމަދު ބިޝާރު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު އިޝާމް ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުން ބުނީ އެ އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބާ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.
އެ ދަތުރުގައި ފުލުހުންގެ ވަފުދުން ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވާސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވާސިޓީ (އާރްއާރްޔޫ) ހިމެނެ އެވެ. އެ މުއައްސަސާތަކާއެކު ވެވުނު އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ އެއްބަސްވުންތަކުގެ ދަށުން، އެންއެފްއެސްޔޫއިން ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްގީކުރުމަށް އެހީތެރިވުމަށްވެސް އެއްބަސްވެފައިވެ އެވެ. އާރްއާރްޔޫއިން ވަނީ އެމްޕީއެސްގެ 5 އޮފިސަރުންނަށް ސްކޮލާޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް އެއްބަސްވެފަ އެވެ.