ޚަބަރު

މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ފުރަތަމަ ދަތުރު ބުރާސްފަތި ދުވަހު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ވީއައިއޭ ރަންވޭގައި/ ފޮޓޯ: ރައީސް އޮފީސް

ގައުމީ އެއާލައިން, މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު (އެއާބަސް އޭ-330) ގެ  ފުރަތަމަ ދަތުރު އަންނަ ބުރާސްފަތި (ޖެނުއަރީ 23) ވަނަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.

Ads by Hajj Corporation

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފުރަތަމަ ދަތުރު ޝެޑިއުލްކޮށްފައިވަނީ ޗައިނާގެ ޗެންގްޑޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށެވެ.

ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ޗެންގްޑޫގެ އިތުރުން ޗައިނާގެ އެހެން ސިޓީތައް ކަމަށްވާ ބެއިޖިން އަދި ޝަންގްހާއިއަށްވެސް ފަށާނެ އެވެ.

ޗައިނާގެ ޗެންގްޑޫއަށް 2 ކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. އަދި ބެއިޖިން 2 ކޮޅު ޓިކެޓުގެ އަގު 788 އެމެރިކާ ޑޮލަރަށް އަރާއިރު ޝެންހާއީ 2 ކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.

މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

އެ ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެ އެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

އާ ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެގެންގޮސްފަ އެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް އަރާނެ އެވެ.

Ads by HDC