ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން ޑިގްރީ އާއި މާސްޓާސްއަށް ކިޔެވުމުގެ ފުރުސަތުތަކަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ ފުރުސަތުތައް ހުޅުވާލާފައި ވަނީ ފިޝަރީޒް މިނިސްޓްރީން އަންގާރަ ދުވަހު ކުރި އިއުލާނެއްގަ އެވެ. މިއީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކު މެދުވެރިވެގެން ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވިސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވާލި ފުރުސަތުތަކެއް ކަމަށް އިއުލާނުގައިވެ އެވެ.
ސްކޮލާޝިޕްގެ ފުރުސަތުތައް:
- މާސްޓާސް ޑިގްރީ: ޕްލާންޓް ޕްރޮޓެކްޝަން / އެންޓޮމޮލޮޖީ / ޕްލާންޓް ޕެތޮލޮޖީ (1 ފުރުސަތު)
- ބެޗްލާސް ޑިގްރީ: އެގްރިކަލްޗާ ސައިންސް (1 ފުރުސަތު)
- ބެޗްލާސް ޑިގްރީ: ވެޓެނިރަނީ / ޒޫލޮޖީ / އެނިމަލް ސައިންސް (1 ފުރުސަތު)
- ބެޗްލާސް ޑިގްރީ: އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) (1 ފުރުސަތު)
- ބެޗްލާސް ޑިގްރީ: ނެޗުރަލް ރިސޯސް މެނޭޖްމަންޓް / ބެޗަލާ އޮފް އިކޮނޮމިކްސް (1 ފުރުސަތު)
ސްކޮލާޝިޕްގެ ދަށުން މާސްޓާސް ޑިގްރީއަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކޯހުގެ ދާއިރާ އާއި ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތަކަށްވާން ޖެހެ އެވެ.
ބެޗްލާސް ޑިގްރީއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތަކަކީ ޖީސީއީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުމާ އެކު ޖީސީއީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވުމެވެ.
ސްކޮލާޝިޕްތަކަށް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ކަމާ ގުޅުންހުރި އިތުރު މައުލޫމާތު އިއުލާނު މެދުވެރިކޮށް އަދި 3033484 އަށް ގުޅުމުން ލިބޭނެ ކަމަށް އިއުލާނުގައިވެ އެވެ.