ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ހުންނަވައި ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދެއްކެވުމުން ސަސްޕެންޑްކުރި މުހައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކޮށްފި އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ކޮންގްރެސް ޕާޓީން ހ. ވެޔޮވިލާގައި ހުސްވި މަހުގެ 23 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާދު ވަނީ ފަތުރުވެރި ކަމަށް ހުރަސް އެޅުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މާލެ ކައިރީގައި އެއް ފަޅުތެރެއެއްގައި އޮތް ތިން ރިސޯޓެއްގައި އެމްޑީޕީން ބައްދަލުވުމެއް ބާއްވަން އެދުމުން ދުވަސްކޮޅުގެ ގޮތުން ރިސޯޓް ފުލްވެފައިވާތީ ނުބޭއްވޭނެ ކަމަށް އެންގުމުން ހުއްދަ ނުލިބުނަސް އެ ރިސޯޓަށް އެ ޕާޓީން އަރާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. ރިސޯޓަކަށް އެރުމަށް ޓަކައި ރާވާފައިވާ ކަމަށާއި އެކަމުގެ ފަހަތުގައި ހުންނެވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކަމަށް ނިހާދު ތުހުމަތުކުރެއްވި އެވެ.
އޭނާގެ އެ ވާހަކަތަކާ ގުޅިގެން ޖެހިގެން އައި ދުވަހު މަގާމުން ސަސްޕެންޑްކުރި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ދެން" އަށް މީގެކުރިން މައުލޫމާތު ދެއްވި ގޮތުގައި ނިހާދު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ނިހާދު އައްޔަންކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ ވަނީ މިނިސްޓްރީގެ މަސައްކަތަށް ނިކުންނަވަން ފައްޓަވާފަ އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް އެ ޕާޓީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ނިހާދު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީން ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ އެއީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ފަދަ ސީރިއަސް ތުހުމަތުތަކެއް ކަމަށެވެ.
އެމްޑީޕީން ވަނީ ނިހާދު ދެއްކެވި ވާހަކަތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ސިނާއަތުގައި މަސައްކަތް ކުރަމުންދާ ހުރިހާ މުވައްޒަފުންނާ އަދި ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ވިޔަފާރިއެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަށް ގޮވާލާފަ އެވެ.
ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން ކޮންގްރެސް ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތައް މަސައްކަތްކުރަނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަދި އެ އިމުން ބޭރުވާ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާ ބެހޭ އިދާރާތްތަކުން އަޅާނެކަމުގެ ޔަގީންކަން އެ ޕާޓީއަށް އޮތް ކަމަށެވެ.
ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި ފަތުރުވެރި ކަމަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމެންޓުތައް ރައްކާތެރިކޮށްދިނުމަށް ސަރުކާރުން އަދާކުރަން ޖެހޭ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރާނެކަމުގެ އިތުބާރު އޮތް ކަަމަށެވެ.
އެއްވެސް ފަރާތަކުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރުތަށް އުނިކަން އަތުވެދާނެ ގޮތަކަށް އެއްވެސް އަމަލެއް ނުކުރުމަށް ވެސް ކޮންގްރެސް ޕާޓީން އިލްތިމާސްކޮށްފައިވެ އެވެ.