ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު އަނެއްކާވެސް އަތުލައިގެންފި
މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގެންފި އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގަނެ ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ. އެ މީހާ އަތުލައިގަތީ ސްޓެލްކޯގެ މުވައްޒަފުން ކަމަށާއި އަތުލައިގަތް ވަގުތު އެ ތަނަށް އެޓެންޑުވި މުވައްޒަފެއްގެ ގައިގައި އެ މީހާ ވަނީ ރެންޗުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެފައިވެ އެވެ.
ސްޓެލްކޯއިން ވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށް އެ މީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި އެ ކުންފުނީގެ ޓްރާންސްފޯމަ ސަބްސްޓޭޝަނަށް ވަދެ، ވައްކަމުގެ އަމަލެއް މީހަކު ހިންގަން އުޅެނިކޮށް ސީސީޓީވީ ކެމެރާއިން ފެނުނީ ރޭ ދަންވަރު 2:50 ހާއިރު ކަމަށެވެ. އެކަން ފުލުހުންނަށް އެންގުމާ ގުޅިގެން ވައްކަން ކުރަން އުޅުނު މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ މާލޭގެ ސަބްސްޓޭޝަންތަކަކީ 24 ގަޑިއިރު ކެމެރާއިން މޮނިޓަ ކުރެވޭ ތަންތަން ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެހެންނަމަވެސް، ހުޅުމާލޭގެ ދެ ވަނަ ފޭސްގެ ސަބްސްޓޭޝަން ފަދަ ތަންތަނުން ކުރެވޭ މިފަދަ ވައްކަންތައް ހުއްޓުވުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
"މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން، އެކަމަކީ އެމީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަން ދެނެގަނެ، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އިލްތިމާސްކުރަން،"
ސްޓެލްކޯއިން ވަނީ އާންމުންނަށް ދަތިތަކެއް ކުރިމަތިވާ މިފަދަ ވައްކަންތަކުން ހޯދާ ތަކެތި ވިއްކާ އަދި ގަންނަ ފަރާތްތައް ވެސް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ.
ޓްރާންސްފޯމަރުތަކަށް ގެއްލުންދީ، ވައްކަން ކުރުން އާންމު ކަމަށް ވެފައިވާއިރު، މި މަހުގެ 11 ވަނަ ދުވަހު ފޭސް ދޭއްގައި ހުންނަ ހައި ވޯލްޓޭޖް ދެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެ ބައިތަކެއް ވަގަށް ނެގި އެވެ. ހުސްވި އަހަރު ޓްރާންސްފޯމަރަށް ގެއްލުން ދޭން އުޅެނިކޮށް ކަރަންޓުގައި ޖެހި މީހަކު މަރު ވެސް ވި އެވެ.