ޚަބަރު

އެފްޓީއޭގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް އަސަރުކުރާނެ: އިންޑިއާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރާއްޖެ-ޗައިނާ އެއްބަސްވުން ތަންފީޒުކުރުން އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ

އިންޑިއާގެ އެންމެ ބޮޑު ވާދަވެރިޔާ ޗައިނާއާ އެކު ރާއްޖެއިން އެކުލަވައިލައިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ހީނަރުކަމެއް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު އެ އެއްބަސްވުމަށް މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށައިފައިވާއިރު، ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ 70 އިންސައްތަ އައިޓަމުން ޑިއުޓީ ކަނޑާލާފައިވެ އެވެ. އަދި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރާ 95 އިންސައްތަ އައިޓަމުން ވެސް ޑިއުޓީއެއް މިހާރު ނުނަގާނެ އެވެ.

''މި ފަހުން ރާއްޖެއިން ވެވުނު އެއްބަސްވުންތައް (ޗައިނާ އަދި ތުރުކީ އެގްރީމެންޓް) ސަބަބުން ދިވެހި ސަރުކާރަށް ލިބޭ އާމްދަނީ ގެއްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން އިއްޔެ ބޭއްވި ޕްރެސް ބްރީފިނެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވިދާޅުވި އެވެ.

ސިދާ ޗައިނާގެ ނަން ނުގެނެސް ޖައިސްވާލް ވިދާޅުވީ އިންޑިއާގެ ސިޔާސަތު އެކުލަވައިިލުމުގައި އެކަންކަމަށް ވިސްނާނެ ކަމަށެވެ. ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ ބައެއް މުދަލުން ޓެރިފް ކުޑަވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ހުސްވި ނޮމެވްބަރު މަހު އެވެ.

ރާއްޖެ-ޗައިނާ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދު އިގުތިސޯދީ ގުޅުން އިތުރަށް ބަދަހިވެ، އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓްކުރެވޭ މުދާ އިތުރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ. އަދި ވިޔަފާރީގެ އާ ފުރުސަތުތައް ފަހިވުމާއެކު އެއް ގައުމުން އަނެއް ގައުމުގެ މާކެޓަށް ވަނުމަށް ފަސޭހަވެ އެކަމުގެ ފައިދާ ކުރާނެ ކަމަށްވެސް ބުންޏެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި މުދަލާއި ހިދުމަތުގެ ވިޔަފާރި އާއި އިންވެސްޓްމަންޓުތަކަށް ފުރުސަތު ފަހިކޮށްދިނުމާ އަދި އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!