ޚަބަރު

ރިމާންޑަށް ނަގަން ފެށުމުން ޑްރަގަށް އޯވަޑޯޒްވާ އަދަދު މަދުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)/ ފޮޓޯ: އެންޑީއޭ

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރިމާންޑު ސެންޓަރުތަކަށް ނަގަން ފެށުމުން ޑްރަގަށް އޯވަޑޯޒްވާ މީހުންގެ އަދަދު މަދުވެއްޖެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ މުހައްމަދު ޒާހިރު ހުސައިން ރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވާހަކަ ދައްކަމުން ލުބްނާ ވިދާޅުވީ މި ސަރުކާރުން އެންޑީއޭއާ ހަވާލުވިއިރު 700އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 150 އަށް ތިރި ކުރެވިފައިވާ ކަމަށެވެ.

ކޯޓުން ކޮންމެ ދުވަހަކުވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކުރަމުންދާއިރު އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތައް އެހާ ބޮޑު ނޫންކަން ފާހަގަކޮށް ލުބްނާ ވިދާޅުވީ ހުކުމް ކުރާ ސްޕީޑުގައި މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ވީހާވެސް އަވަހަކަށް ފަރުވާއަށް މީހުން ވެއްދޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެންޑީއޭގެ ސީއީއޯ ވިދާޅުވީ ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ހާއްސަ ޓާސްކް ފޯހެއް އުފައްދަވާފައިވާ ކަމަށާއި އަދި އެ މަސައްކަތްތައް ދެން ކުރިއަށްގެންދާނީ އެ ޓާސްކް ފޯހުން ކަމަށެެވެ.

ލުބްނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 100 އަށްވުރެ ގިނަ މީހުން މިހާތަނަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.

ހުރިހާ މީހުންނަކީ މާލޭގެ މަގުތަކުން އަދި ގޭގެއިންނާއި އެހެން ރަށްރަށުން ނަގާފަ ތިބި މީހުން. ކުރިން ގްރޭޓަރ މާލެ އޭރިއާއަށް ފޯކަސް ކުރިނަމަވެސް މިހާރު އަޅުގަނޑުމެން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތިބި މީހުން އެބަ ނަގަން. ރިމާންޑަށް ނެގީމަ އޯވަރޑޯޒްވާ އަދަދު އެބަ މަދުކުރެވޭ - ލުބްނާ ޒާހިރު

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްސަ އޮޕަރޭޝަނެއް އެންޑީއޭއާއި ފުލުހުން ގުޅިގެން ވަނީ އޮކްޓޫބަރު 22، 2024 ގައި ފަށާފަ އެވެ.

އެ އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީހެއް ކަނޑައަޅާފައިނުވާއިރު، އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާދެމުންދެ އެވެ.

ރާއްޖޭގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގަ އެވެ.

އެންމެ ބޮޑު އިސްކަމެއްދީގެން ކަންކަން ހައްލުކުރަން ބޭނުންވާ އިޖުތިމާއީ މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީ ވަބާއިން ދިވެހިން ސަލާމަތްކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!