ޚަބަރު ވިޔަފާރި

ޔޫރަޕަށް ދަތުރުތައް ފަށަން އިތުރު ބޮޑު ބޯޓެއް ހޯދަން މޯލްޑިވިއަނުން އިއުލާނުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް / ފޮޓޯ:ރައީސް އޮފީސް

ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް) އިން އެއާބަސް އޭ330-200 ގެ ދެ ވަނަ ވައިޑް-ބޮޑީ އެއާކްރާފްޓެއް ކުއްޔަށް ހޯދުމަށް އިއުލާނުކޮށްފި އެވެ.

Ads by STELCO

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ރާއްޖެއަށް ގެނެސްފައި ވަނީ ހުސްވި މަހުގެ 6 ވަނަ ދުވަހު އެވެ. އެ ބޯޓާ އެކު އެއާލައިނުން ވަނީ ޗައިނާގެ ޗެންޑޫއަށާއި ބެއިޖިން އަދި ޝަންހާއީއަށް ދަތުރުތައް ފަށާފަ އެވެ.

އެ ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓުގެ އިތުރުން 210 އިކޮނޮމީ ސީޓު ހިމެނެ އެވެ. ބޯޓުގައި ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

މޯލްޑިވިއަނުން ގެނައި ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އިފުތިތާހު ކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް އެ އެއާލައިނުގެ އޮޕަރޭޝަންތައް ފުޅާކުރަން ދެ ވަނަ އެއާކްރާފްޓެއް ގެންނާނެކަން ފާހަގަކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަރުހަލާތައް ނިމި، އޮކްޓޯބަރު މަހާ ހަމައަށްދާއިރު، ދެވަނަ ބޯޓު އުދުހެން ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ވެސް ރައީސް ވަނީ އެ ވާހަކަފުޅު ތަކުރާރުކުރައްވާފަ އެވެ. ވިދާޅުވީ ޗައިނާގެ އިތުރު ސިޓީތަކަށާއި އެހެނިހެން ސަރަހައްދުތަކަށް ގައުމީ އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިތުރު ވައިޑް-ބޮޑީ އެއާކްރާފްޓެއް އޮކްޓޫބަރުގައި ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބޯޓާ އެކު ޔޫރަޕުގެ ބައެއް މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފެށޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

އިތުރު ބޯޓެއް ހޯދަން ނިންމައި، އައިއޭއެސްއިން އިއްޔެކުރި އިއުލާނުގައި ބުނީ އެ އެއާލައިނުގެ ފްލީޓަށް އެއާބަސް އޭ330-200 ގެ ބޯޓެއް ކުއްޔަށް ހިފަން ބޭނުން ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

ބޯޓުގައި ބިޒްނަސް އަދި އިކޮނޮމީ ކްލާސް ކެބިން ހުންނަން ޖެހޭއިރު، ބިޒްނަސް ކްލާހުގައި މަދުވެގެން 20 ސީޓު ހުންނަން ވާނެ ކަމަށް އިއުލާނުގައިވެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތް ވަަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވާލާފަ އެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބޯޓުތަކުގެ އަދަދު ވަނީ 25 އަށް އިތުރުވެފަ އެވެ. ޗައިނާ އާ ދެމެދު ފެށި ދަތުރުތަކާ އެކު މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތަކުގެ އަދަދު 29 އަށް ވަނީ އިތުރުވެފަ އެވެ.