ލައިފްސްޓައިލް

ހާޓް އެޓޭކެއް ޖެހިގެން މަރުވުމުގެ ފުރުސަތު ކައިވެނި ކޮށްގެން އުޅޭ މީހުންނަށް 14 ޕަސެންޓް ކުޑަ: ދިރާސާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހާޓް އެޓޭކް ޖެހުމަށް ފަހު އަވަހަށް ރަނގަޅުވެ، އަވަހަށް ހޮސްޕިޓަލުން ދޫކޮށްލެވޭ ހާލަތަށް ދަނީ ކައިވެނި ނުކޮށް އުޅޭ މީހުންނަށް ވުރެ ކައިވެނިކޮށްގެން އުޅޭ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

Ads by STELCO

މި ދިރާސާކުރި، އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް އެންގްލިއާގެ ކްލިނިކަލް ރިސާޗް ފެލޯ ޑރ. ނިކޮލަސް ގޮލޮޕް ވިދާޅުވީ މިއީ ހާޓް އެޓޭކް ޖެހޭ، ކައިވެނި ނުކޮށް ތިބޭ މީހުން ހާސްވާންޖެހޭ ދިރާސާއެއް ނޫން ކަމަށެވެ.

މި ދިރާސާކުރުމަށް އިންގްލެންޑުގެ 25000 މީހެއްގެ މައުލޫމާތު އެއްކޮށްފައިވެ އެވެ. ދިރާސާއިން ދެއްކި ގޮތުގައި ހާޓް އެޓޭކެއް ޖެހިގެން މަރުވުމުގެ ފުރުސަތު، ހުސްހަށިބައި މީހުންނާ އަޅާބަލާއިރު ކައިވެނި ކޮށްގެން އުޅޭ މީހުންނަށް 14 ޕަސެންޓް ކުޑަ އެވެ. މީގެ އިތުރުން، ކައިވެނި ނުކޮށް އުޅޭ މީހުންނާ އަޅާބަލާއިރު، ކައިވެނިކޮށްގެން އުޅެނިކޮށް ހާޓް އެޓޭކް ޖެހޭ މީހުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ މުއްދަތު ދެ ދުވަސް މަދު ކަމަށް ވެސް ދިރާސާ އިން ދެއްކި އެވެ.

ދިރާސާ ޓީމުން ބުނީ މިއީ ހާޓް އެޓޭކް ޖެހޭ މީހުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް އަޅާލުން މުހިންމުކަން އަންގައިދޭ ދިރާސާއެއް ކަމަށެވެ.

"ހާޓް އެޓޭކެއް ޖެހުމަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ބޮޑެތި ވޭންތަކެއް އުފުލަން ޖެހޭ ކަމެއް. މި ވޭންތައް އާންމުގޮތެއްގައި އޮންނަނީ ވަރަށް ބޮޑަށް ސިއްރުވެފައި. މި ވޭންތައް ލުއިކޮށް އަދި ހާޓް އެޓޭކަށް ފަހު އަވަހަށް ރަނގަޅުވުމަށް ބައިވެރިޔާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަން މި ދިރާސާއިން އެބަ ހާމަވޭ،" ބްރިޓިޝް ހާޓް ފައުންޑޭޝަންގެ އެސޯސިއޭޓް މެޑިކަލް ޑިރެކްޓަރު ޑރ. މައިކް ނެޕްޓަން ވިދާޅުވެފައިވެ އެވެ.

ބްރިޓިޝް ކާޑިއޯވަސްކިއުލާ ސޮސައިޓީގެ ބައްދަލުވުމަށް ހުށަހެޅި މި ދިރާސާގައި ބުނެފައި ވަނީ ހާޓް އެޓޭކް ޖެހުމަށް ފަހު މީހަކު އާދައިގެ ހާލަތަށް ގެންނަން ރިހެބިިލިޓޭޝަން ދޭއިރު އެ މީހެއްގެ ބައިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!