އަލްޙަމްދުﷲ ، ފުއްޕާމޭގައި ކަނަމަދުކޮޅެއް ތާށިވީ ތުއްތު ކުއްޖާގެ އޮޕަރޭޝަން ކާމިޔާބު!
ފުއްޕާމޭގައި ކަނަމަދު ކޮޅެއް ތާށިވީ އެއް އަހަރާއި ފަސް މަހުގެ ތުއްތު ފިރިހެން ކުއްޖާގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އެކުއްޖާގެ ޢާއިލާއިން މައުލޫމާތު ދީފިއެވެ.
އެކުއްޖާގެ ފުއްޕާމޭގައި ކާއެތިކޮޅެއް ތާށިވެ ނޭވާލާން އުނދަގޫވެގެން މީގެކުރިން ވަނީ ރާއްޖެއިން ވެސް އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް އެއޮޕަރޭޝަން ކާމިޔާބު ނުވުމުން ޑޮކްޓަރުން ވަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރުން އޮޕަރޭޝަން ކުރުމަށް އިރުޝާދު ދީފައެވެ.
އޮޕަރޭޝަން ކުރަން އިންޑިއާއަށް ފުރަން މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ފްލައިޓަަށް ވެސް އެރިފަހުން، ކޮވިޑް-19 އަށް ފައްސި ކަމަށް ބުނެ ވަނީ ފްލައިޓުން ބާލާފައެވެ. ނަމަވެސް ފަހުން އެޗްއީއޯސީން ބުނެފައި ވަނީ ތުއްތު ކުއްޖާ ކޮވިޑަށް ފައްސި ނުވާ ކަމަށާއި އެހެންކަމުން އެހީތެރިންނާއެކު އިންޑިއާ އަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުއްޕާމޭގެ އޮޕަރޭޝަނަށް ތުއްތުކުއްޖާ އާއި އޭނާގެ މައިންބަފައިން ފުރާފައިވަނީ އޯގަސްޓް މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި ފަރުވާގެ ކަންކަން ކުރިއަަށް ގެންގޮސްފައި ވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައެވެ.
އެތުއްތު ކުއްޖާގެ ޓެސްޓުތަކަކާއި ސްކޭންތަކެއް އެހޮސްޕިޓަލުން ހަދާ ފުއްޕާމޭގައި ތާށިވެފައިވާ ކަނަމަދުކޮޅު ނެގުމަށް ތައްޔާރުވެފައި ވަނިކޮށް، ކުއްޖާބެލި ޑޮކްޓަރު ކޮވިޑް-19 އަށް ފައްސި ވުމާއި ގުޅިގެން އޭނާއާއި އޭނާގެ ޓީމް ކަރަންޓީނަށް ދިއުމުން އިތުރު 14 ދުވަސް އަނެއްކާ ވެސް މަޑުކުރަންޖެހުނު ކަމަށް ދައުލަތުގެ މީޑިއާ އަށް އެކުއްޖާގެ ބައްޕަ ވަނީ މައުލޫމާތު ދީފައެވެ.
ފުއްޕާމޭގައި ތާށިވެފައިވާ ކަނަމަދުކޮޅު ނަގާފައި ވަނީ "ބްރޮންކޮސްކޮޕީ" އެއް ހަދައިގެން ކަމަަށް ވެސް އެކުއްޖާގެ ބައްޕަ ބުނެފައިވެއެވެ. މިއީ ފުއްޕާމެއާއި ނޭވާލާ ނިޒާމު ބެދޭގޮތް ވުމުން އަނގަ ނުވަތަ ނޭފަތަށް ހިމަ ޓިއުބެއް ވައްދައިގެން ކުރިއަށްގެންދާ ޕްރޮސީޖަރ އެކެވެ. ތުއްތު ކުއްޖާގެ ބައްޕަ ބުނިގޮތުގައި އެ ކުއްޖާގެ ފުއްޕާމޭގައި ތާށިވެފައިވާ ކަނަމަދުކޮޅު ނެގުނީ އެފަދަ 2 ޕްރޮސިޖަރ ހަދައިގެންނެވެ.
މިހާރު އެކުއްޖާގެ ޙާލު ރަނގަޅެވެ. އަދި އަންނަ ބުދަ ދުވަހު އެކުއްޖާއާއި އޭނަގެ މައިންބަފައިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.