ސުޕްރީމް ކޯޓު ބެންޗު ބަދަލުކުރަން އުޅޭ ކަމަށް އެމްޑީޕީން އަނެއްކާ ވެސް ތުހުމަތުކޮށްފި
![](https://dhen.mv/wp-content/uploads/2025/02/photo_2024-02-08_13-57-34-850x548.jpg)
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ހާލަތްތަކެއް ބަޔާންކޮށް ގާނޫނުއަސާސީއަށް މަޖިލީހުން މި ފަހުން ގެނައި ބަދަލުތަކުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވައި ބެންޗު ބަދަލުކުރަން އުޅޭ ކަމަށް އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ ވެސް ސަރުކާރުން ބޭނުންވަނީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށެވެ.
އެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް މި ވަގުތު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އައްޔަންކުރަން އުޅޭ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެއިން އެއް ބޭފުޅަކީ މި ވަގުތު ޕްރޮސެކިއުޓަ ޖެނެރަލްގެ މަގާމު ފުރުއްވާ އައްބާސް ޝަރީފް ކަމަށް އެމްޑީޕީން ބުންޏެވެ.
ސުޕްރީމް ކޯޓުގައި ފެންވަރު ހުރި ފަނޑިޔާރުންތަކެއް ތިބެގެން ޖުޑިޝަރީއަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މި ގޮތަށް ސަރުކާރުން ކަންތައް ކުރުމަކީ ފަހަތަށް އެޅޭނެ ފިޔަވަޅެއް ކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ ކުރިިން އެމްޑީޕީގެ ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އެ ތުހުމަތު އަމާޒުކުރެއްވި އެވެ. ނަމަަވެސް އެ ވާހަކަތައް ބަންޑާރަ ނައިބު އަހުމަދު އުޝާމް ދޮގުކުރައްވައި ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވި އެވެ.