އަލިފާނުގެ ހާދިސާ އާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި
![](https://dhen.mv/wp-content/uploads/2025/02/20250209_105208-850x548.jpg)
މާލެ، ޝީ ބިލްޑިން ކައިރީގައި ހުރި މ. ހައުސްޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ދެ ގެއަކުން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ ހައުސްޕްލާޒާގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނީ މިއަދު ހެނދުނު 6:35 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާ އެކު ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. ފަޔާފައިޓަރުން ކުރި މަސައްކަތުން ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި ވަނީ 7:47 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެންޑީއެމްއޭއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ހައުސްޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
".. ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާ ގުޅިގެން އެކަން މަރާމާތު ކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް (20 ބިދޭސީން ހިމެނޭހެން) ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދެވިފައި،" އެންޑީއެމްއޭއިން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ފަޅު ގެއެއްގެ ގޮތުގައި ހުންނަ ހައުސްޕްލާޒާގައި އަލިފާން ރޯވެފައި ވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމުގަ އެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.