މެރިން ސައިންސްގެ ދާއިރާއަށް 41 އަހަރު ހިދުމަތް ކުރެއްވި ޝަކީލް ނިޔާވެއްޖެ
![](https://dhen.mv/wp-content/uploads/2025/02/Picsart_25-02-09_12-33-23-769-850x548.jpg)
މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޝަކީލް ނިޔާވެއްޖެ އެވެ.
އެމްއެމްއާރުއައިއަށް 41 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަކީލް ނިޔާވީ އުމުރުން 64 އަހަރުގަ އެވެ.
ޝަކީލް ނިޔާވުމާ ގުޅިގެން އެ އިންސްޓިޓިއުޓުން ކުރި ތައުޒިޔާގެ ޕޯސްޓުގައި ބުނީ އޭނާއަކީ މެރިކަލްޗާ ކުރިއެރުވުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ އަދި ދާއިރާގައި ފާހަގަކުރެވޭ ބޭފުޅެއް ކަމަށެވެ.
މެރިކަލްޗާ ދާއިރާއިން މީހުން ބިނާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ޝަކީލަކީ މެންޓާއެއްގެ އިތުރުން ބައްޕައެއްގެ ގޮތުގައި އެ އިންސްޓިޓިއުޓުގެ މުވައްޒަފުން ދެކޭ ފަރާތެއްކަން ފާހަގަކޮށްފައިވެ އެވެ.
އޭނާގެ ވަކިވުމަކީ އެ އިންސްޓިޓިއުޓާއި މެރިކަލްޗާ ދާއިރާއަށް ލިބުނު ގެއްލުމެއް ކަމަށް ވެސް އެމްއެމްއާރުއައިއިން ބުނެފައިވެ އެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ޝަކީލް ނިޔާވުމަކީ އެ ދާއިރާއިން ގައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ ދިވެހި ދައުލަތުގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާއިރު، ރާއްޖޭގެ ކަނޑުގެ ދިރުންތައް އާލާކުރުމުގެ މަސައްކަތް ކުރީގެ މެރިން ރިސާޗް ސެކްޝަނުގައި ފުރަތަމަ ފެށިގެން ދިޔައީ ޝަކީލުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.
"މެރިން ސައިންސްގެ ދާއިރާއަށް ދިވެހިން ނެރުމަށް ވަރަށް ޝައުގުވެރިކަމާ އެކު ގިނަ މަސައްކަތްތަކެއް ކޮށްދެއްވައި، ގިނަ މުވައްޒަފުންތަކެއް މި ދާއިރާއިން ޝަކީލް ތަމްރީނު ކުރައްވާފައިވެ އެވެ،" މިނިސްޓްރީން ބުންޏެވެ.
ޝަކީލުގެ ކަށު ނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.